ސަޕްލިމެންޓްރީ ބަޖެޓުގައި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ހަމަޖައްސައިފި

ސަޕްލިމެންޓްރީ ބަޖެޓުގައި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ހަމަޖައްސައިފި

Author
އަހުމަދު
16 ނޮވެމްބަރ 2023 03:27
0

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ފާސް ކުރި 6.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ދިނުމަށް ހަމަޖައްސައިފި އެވެ.

މީޑީއާތަކަށް ފައިސާ ދިނުމަށް ކޮމިޓީން ފާސް ކުރިއިރު، މާދަމާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއް ވައުދަކީ ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ލިބޭ ގޮތަށް ހެދުމެވެ.

މީޑިއާތަކަށް ބަޖެޓެއް ދިނުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެ އިސްލާހަށް ތާއީދު ކުރެއްވީ އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

އެ އިސްލާހުގައި ވަނީ ބަޖެޓު ކޯޑު ނަންބަރު 1265، ހާއްސަ ބަޖެޓުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން ހިންގާ ބްރޯޑްކާސްޓިން ހިދުމަތް ދޭ ތަންތަނާއި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ދިނުމަށެވެ.

އެ އިސްލާހު ކޮމިޓީން ފާސް ކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ އިސްލާހަށް ވޯޓު ނުދެއްވަނީ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.

މަޖިލިހުން މި އަހަރަށް ލަފާކޮށް ފާސްކޮށްފައި ވަނީ 42.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި 6.5 ބިލިއަން ރުފިޔާއާ އެކު މިއަހަރު ދައުލަތުގެ ބަޖެޓް 49.4 ބިލިއަން ރުފިޔާ އަށް އިތުރުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.