ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ކުރިން، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމުގެ ޖަލްސާ ރައްޔިތުންގެ މަޖިލިހުން އެޖެންޑާ ކޮށްފިއެވެ.
މަޖިލިހުން މިހާރު އާންމު ކޮށްފައިވާ މާދަމާގެ އެޖެންޑާ ތަކުގައި ވާގޮތުން މާދަމާ ހެނދުނު 9:00 ގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ ސަޕްލިމެންޓްރީ ބަޖެޓާއި އަދި 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމުގެ ޖަލްސާއެވެ. ނަޝީދު ވަކިކުރުމުގެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ މާދަމާ ހެނދުނު 11:00 ގައެވެ.
އެހެންނަމަވެސް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން މިހާތަނަށް ބުނަމުން އައިސްފައިވަނީ ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް މަޖިލިހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެ ކަމުގައެވެ.
މަޖިލިހުގެ ގަވާއިދުގެ 205 މާއްދާގެ ރ.ގައި ވާގޮތުން މަޖިލިހުގެ ރައީސް ނުވަތަ ނާއިބު ރައިސް މަގާމުން ދުރުކުމުގެ ގަރާރު މަޖިލިހަށް އިއްވުމަށްފަހު އެމައްސަލަތައް ކުރިޔަށް ނުގެންގޮސް އިތުރު އެހެން އެއްވެސް ބަހުސެއް މަޖިލިހުގައި ކުރިޔަކަށް ނުގެންދެވޭނެއެވެ.
މާދަމާގެ ޖަލްސާއަށް އަނެއްކާވެސް ނަޝީދުގެ މައްސަލަ އެޖެންޑާ ކޮށްފައިވާއިރު، އެމަނިކުފާނު ރިޔާސަތުން ދުރުކުރުމަށް މިއަދު ދެފަހަަރަސް ޖަލްސާ ބާއްވައިގެންވެސް މަޖިލިހުގެ ރިޔާސަތުން އެމައްސަލަ ކުރިޔަށް ނުގެންދިއުމުން، ޖަލްސާއަށް ބަންޑާރަނައިބުގެ ލަފައަކަށް ރައްޔިތުންގެ މަޖިލިހުގެ އާންމު ކޮމިޓީން މިހާރުވަނީ އެދިފައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް އޭޖީގެ ލަފާ ހޯދުމަށް އާންމު ކޮމިޓީން މިއަދު ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުން ވަކިކުރުމަށް މިހާރު މަޖިލިހަށް ހުށަހެޅިފައިވާ ގަރާރު ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު، މަސްލަހަތު ފުށުއަރާތީ، މަޖިލީހުގެ ނައިބު ރައީސް އީވާއާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ނުބެލެހެއްޓޭނެކަމަށް މަޖިލީހުގެ އާއްމު ކޮމިޓީއަށް ލަފާދިނުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.
މަޖިލިސް ރައީސް މަގާމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގައި ކުރިޔަށް ނުގެންދެވިގެން އުޅޭއިރު، އެމްޑީޕީން މިހާރުވަނީ މަލިސް ނާއިބުރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅަން ބޭނުންވާވަރަށް ސޮއި ހަމަކޮށްފައެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އީވާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގެ 22 މެމްބަރަކު މިހާރު ސޮއި ހަމަކޮށްފައިވާ ކަމުގައެވެ.
އޭނާ ވިދާޅުވީ އިވާ ވަކިކުރުމަށް ސޮއި ހަމަކުރަން ފަށާފައިވަނި ބައެއް މެމްބަރުންގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށާއި، އެކަމާއި ގުޅުންހުރި އިތުރު މައުލޫމާތު އަދި ހާމަކުރައްވާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ