އާ ސަރުކާރު އެކުލަވާލަނީ އަރާމުގައި، ގޭގައި ނިދާފައި ނުތިބެ، ރެއާއި ދުވާލު ބުރަ މަސައްކަތް ކުރަން ވެގެން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްގެ "ދިވެހިންގެ ރާއްޖެ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އާ ސަރުކާރެއް އެކުލަވާލަނީ ރެއާއި ދުވާލު ބުރަ މަސައްކަތްތަކެއް ކުރަން ކަމަށެވެ. އެހެންވީމަ، އެމަނިކުފާނާ ދޭތެރޭގައި ރައްޔިތުންގެ ފުރިހަމަ ޔަގީންކަން އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު މި ޓީމު އެކުލަވާލަނީ، 22 ކެބިނެޓް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާ އެކީގައި އެކުލަވާލާ ޓީމު އެކުލަވާލަނީ ރިޒަލްޓް އޮރިއެންޓަޑް، ސީދާ ނަތީޖާ ނެރުން. އިތުރު އެއްވެސް ކަމަކަށް ވިސްނާކަށް ނޯންނާނެ ފުރުސަތެއް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކެބިނެޓުގެ ވަޒީރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް އައްޔަން ކުރައްވާ ބޭފުޅުން ނަތީޖާ ނެރުން ނޫން ކަމެއް ނުކުރައްވާނެއެވެ.
"އިގްތިސާދު ނަގައި ކޮޅަށް ޖެހުމުގައި ކުރަން ޖެހޭ ހުރިހާ ކަންކަން ވާނީ ކެމްޕެއިންގައި އަޅުގަނޑުމެން އިއުލާންކޮށްފައި. ވަރަށް ދެފުށް ފެންނަ ގޮތަކަށް. އާ ކަމެއް ނޯންނާނެ ކުރާކަށް. އަޅުގަނޑުމެން އިގްތިސާދީ މެނިފެސްޓޯ އިއުލާން ކުރި ރޭ އެ ދެއްކި ވާހަކަތަކުން ބޭރަކުން ކުރާނެ ކަމެއް ނޯންނާނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ބަޖެޓުގެ ތާށިކަމަށް ހައްލު ގެނެސް ދިނުމަށް ޓްރާންސިޝަނަލް މުއްދަތުގައި މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. ބަޖެޓު ސަޕޯޓު ހޯދަން ޖެހޭ ކަމަށް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ އިރު، އެކަމަށް ވެސް މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން އަބޫދާބީން 1.2 ބިލިއަން ރުފިޔާ ރާއްޖެ އަށް ދިނުމަށް ނިންމާފައި ވަނީ އެމަނިކުފާނު މިދިޔަ ހަފްތާގައި ކުރެއްވި ދަތުރުފުޅުގެ ސަބަބުންނެވެ.
ކެމްޕެއިންގެ ވައުދުވެވަޑައިގެންނެވި ގޮތަށް ކެބިނެޓާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށާއި ސަރުކާރުގެ އިސް އެހެން މަގާމުތަކުގައި ވެސް ތިއްބަވާނީ އެމީހެއްގެ މައްޗަށް އެމަނިކުފާނަށް ފަހު ބަސް ވިދާޅުވެވޭނެ ބޭފުޅުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެމަނިކުފާނެ ކަމެއް ކުރައްވަން ވިދާޅުވީމަ، އެހެން ބޭފުޅެއްގެ ހުއްދަ ހޯއްދަވަން ޖެހޭ ބޭފުޅަކު ކެބިނެޓަށާއި ކުންފުނިތަކުގެ ވެރިންނަށާއި ސަރުކާރުގެ މަގާމުތަކަށް އައްޔަން ނުކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު "އަޅުގަނޑު ރައްޔިތުންނަށްޓަކައި ވީ ވައުދުތައް ރަނުން ރަނަށް ފުރިހަމަ ކޮމިޓްމެންޓާ އެކީގައި، ރެއާއި ދުވާލު ހޭލާ ހުރެގެން މަސައްކަތް ކުރަން ޖެހުނަސް ކުރެވޭ ވަރުގެ ބޭފުޅުން އަޅުގަނޑު ލާނީ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު އެކުލަވާލާއިރު، މިނިސްޓްރީތަކަށް ނަތީޖާ ނެރެދެވޭނެ މެންޑޭޓުތަކެއް ކަނޑައެޅުމަށް ވިސްނަވާފައިވާނެ ކަމަށެވެ. ބައެއް ބޮޑެތި މިނިސްޓްރީތައް ދެބައި ކުރުމާއި، ވަކި މަސައްކަތްތަކަށް ޚާއްސަ މިނިސްޓްރީތައް އުފެއްދީ، މިނިސްޓްރީ ފެއިލްނުވެ ނަތީޖާ ނެރެދިނުމަށް މަގުފަހިކުރުމުގެ ގޮތުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.