ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލެވޭނީ ވާހަކަ ދައްކައިގެން ކަމަށާއި އެއީކީ މަގުމަތިން ހާސިލް ވާނެ ކަމެއް ނޫން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްގެ "ދިވެހިންގެ ރާއްޖެ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންޑިއާއާ ވާހަކަ ނުދައްކާ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ ހައްލު ނުވާނެ ކަމަށެވެ. އަދި ބޭނުންފުޅު ވަނީ އިންޑިއާއާ ގާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން ކަމަށް ވިދާޅުވިއެވެ.
"މަގުމަތިން ހާސިލް ކުރެވޭނެ ކަމެއް ނޫން މިއީކީ. އެހެންވީމަ ރައްޔިތުން މި ވަނީ ނިންމާފައި ސަރުކާރުގެ ނިޒާމުގެ ތެރެއިން އެކަން ކުރަން." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ޓްރާންސިޝަނަލް މުއްދަތުގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާ އެކީގައި ދެ ފަހަރެއްގެ މަތިން ވަނީ ބައްދަލު ކުރައްވައިފައެވެ. އަދި މިހާތަނަށް އައިއިރު ވަރަށް ގިނަ ވާހަކަތައް ދެކެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ވަރަށް ސުލްހަވެރި، ވަރަށް ރީތިކޮށް ބިނާ ކުރުވަނިވި ވާހަކަތައް ދެކެވިއްޖެ. އިރާދަކުރެއްވިއްޔާ މިކަން ހާސިލް ވާނެ." މުއިއްޒު ވިދާޅުވިއެވެ.
"އިންޑިއާ އިން ގަބޫލު ކުރޭ ރާއްޖޭގެ ރައްޔިތުންގެ މި ޑިމޮކްރެޓިކް ނިންމުން. މިއީ ރައްޔިތުން ބޭނުންވާ ގޮތްކަން،"
މުއިއްޒު ވިދާޅުވި ގޮތުގައި މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ އިން އެނގިގެން ގޮސްފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ނުވަތަ އެހެން ގައުމެއްގެ ސިފައިން ވެސް ބޭނުން ނުވާ ކަމެވެ. އަދި މިއީ އިންޑިއާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށް ވެސް އިންތިހާބީ ރައީސް ވިދާޅުވިއެވެ.
"އެއްވެސް ގައުމެއްގެ ސިފައިން މިތަނުގައި ތިބެން ބޭނުމެއް ނުވޭ. އެހެންވީމަ އެ މަގުން އަޅުގަނޑުމެން ކުރިއަށް މިދަނީ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ވަރަށް ރަނގަޅު ވާނެ. ވަރަށް ރަނގަޅު ވާހަކަތަކެއްގެ އަލީގައި ހާސިލްވެގެން ދާނެ. މި ތަނުގައި ތިބި ސިފައިން ގެންގޮސް ދެ ގައުމު އެކީގައި ކުރިއަށް ދެވޭނެ ގޮތް ހާސިލްވާނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާއަކީ ދުރު ނުކުރެވޭނެ ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. އަދި އިންޑިއާ އިން އެތައް އެހީތެރިކަމެއް ފޯރުކޮށްދީފައިވާ އިރު، މިހާރު ވެސް އެހީ ލިބެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ