މިއަދު މަހަށް ނިކުމެ އުޅުނު ގއ. ގެމަނަފުށި ދޯންޏެއް ބިންދައިގެން ހިގައްޖެއެވެ.
ގެމަނަ ފުށީ ކައުންސިލުން "ޚަބަރު އޮންލައިން" އަށް މައުލޫމާތު ދީފައިވާ ގޮތުގައި "އޯކިޑް 707″ ނަމަކަށް ކިޔާ ދޯނި ބިންދައިގެން ދިޔަކަމުގެ މައުލޫމާތު ކައުންސިލްގެ ބައެއް މެމްބަރުންނަށް ލިބިފައިވެއެވެ. އެހެންނަމަވެސް އެ ހާދިސާއައި ގުޅޭ އިތުރު މައުލޫމާތު ކައުންސިލަށްވެސް އަދި ސާފުވެފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ.
އެމްއެންޑީއެފްއިން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން 25 ނޯޓިކަލް މޭލު ބޭރުން، "އޯކިޑް 707″ މަސްދޯނި ބިންދައިގެން ދިއުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ފަށާފައިވާ ކަމުގައެވެ.
އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ މި ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާކަމަށާއި ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަނގަޅުކަމަށް މަޢުލޫމާތު ލިބިފައިވާކަމުގައެވެ. އަދި އެ ސަރަހައްދުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" މިހާރު ދަނީ ހަރަކާތްތެރިވަމުންދާ ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނި ބިންދައިގެން ގޮސްފައިވަނީ ވިއްސާރަވެ ކަނޑު ގަދަވެގެންނެވެ.
ކޮމެންޓު ފޮނުވާ