އަމީންއަށް ހުކުމް ކުރީ ބޭއިންސާފުން، އިސްތިއުނާފް ކުރާނަން: ޢާއިލާ

އަމީންއަށް ހުކުމް ކުރީ ބޭއިންސާފުން، އިސްތިއުނާފް ކުރާނަން: ޢާއިލާ

ގުޅުންހުރި

‏ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ދަށުން މުޙައްމަދު އަމީން މައްޗަށް ދިވެހިރާއްޖޭގެ ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ނުފޫޒު ފޯރުވައިގެން ބޭއިންސާފުން ކަމަށާއި، އެހުކުމް އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމުގައި އަމީންގެ އާއިލާއިން ބުނެފިއެވެ.

‏އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ މަރުހަލާގައި 4 އަހަރު ބަންދުގައި ބެހެއްޓުމަށްފަހު ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވި 27 އަހަރުގެ ދިގު ހުކުމް ކޮށްފައިވަނީ ބޭއިންސާފުންކަމަށް ބުނެ، ޝަރީއަތުގެ މަރުހަލާގައި ބޭއިންސާފުން ހިނގާފައިވާ އެތައްކަމެއްގެ ތަފްސީލުތައް ހާމަކޮށް އަނީންގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 23 އޮކްޓޫބަރު 2019 ގައި މުޙައްމަދު އަމީން ހައްޔަރު ކުރެވި ދިގުމުއްދަތެއްގައި ބަންދުގައި ބަހައްޓައިގެން 4 އަހަރަށް ދިގުދަންމައިގެން ދިޔަ ޝަރީއަތަކަށްފަހު، 8 ނޮވެންބަރު 2023 ގައި އޭނާގެ މައްޗަށް ކޮއްފައިވާ ދަޢުވާތައް ސާބިތުވާކަމަށް ނިންމައި 27 އަހަރު ޖަލުގައި ބަންދުކުރުމަށް ކުރި ހުކުމަކީ ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކަށް ބަލައި އެންމެ އިންސާފުވެރި ގޮތަކަށް ކުރެވިފައިވާ ޙުކުމެއް ކަމުގައި އާއިލާއަށް ނުފެންނާތީވެ، މިޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައި ވާކަމުގައެވެ.

‏އޭގެ އިތުތަށް އާއިލާގެ ބަޔާނުގައި ބުނެފައިވަނީ، މުޅި މައްސަލަ ބިނާ ކޮށްފައިވަނީ ހ. މޫންލައިޓް ވެލީ ޢަލީ ޝަފީޢު އާއި ގުޅުވައިގެން ކަމަށް ވެފައި، ޢަލީ ޝަފީޢުގެ އާއިލާއިން ހާމަކޮށްފައިވާގޮތުން، އޭނާ އަށް ބިރުދައްކާ އަނިޔާކޮށްގެން ބަޔާން ނަގައިފައިވާ ކަމާއި މިމައްސަލަ އެޗްއާރސީއެމްގައި ފައިލްކޮށް އަދި ޢަލީ ޝަފީޢު ގެ އޯޑިއޯ ބަޔާނެއް ވެސް އެޗްއާރސީއެމްގައި ވެސް ވާކަމާއި، އޭނާ ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމަށް އެދި އެތައް މަސައްކަތްތަކެއް ކުރަމުންދާކަމުގައެވެ.

އެގޮތުން ސަރުކާރުން މި ކަމުގައި ހައްލެއް ނުގެނެސްދީ، އަދި ޢަލީ ޝަފީޢު މީޑިއާ ތަކަށް ހިއްސާކޮއްފައިވާ ބަސްދީގަތުންތައް އަމީންގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ވީނަމަވެސް އެކަންކަމަށް ރިޢާޔަތް ނުކޮށް އަމީންގެ މައްސަލަ ނިންމުމަކީ، އާއިލާއިން ކަންބޮޑުވާ ކަމެކަމުގައިވެސް އާއިލާގެ ފަރާތުން ބުނެފައި ވެއެވެ.

އިތުރަށް އަމީންގެ އާއިލާއިން ބުނެފައިވަނީ އެއާއިލާއަށް މިމައްސަލަ ކުރިއަށް ގެންގޮސްފައިވާ ގޮތާމެދު އެކިއެކި ބޭއިންސާފުވެރި ކަންކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ. އެގޮތުން ހައްޔަރު ކުރެވުމަށްފަހު ތަހުޤީގަށް ދިގުމުއްދަތެއް ދައުލަތުން އެދިގެން ހޭދަކުރެވިފައިވާއިރު އެމުއްދަތުގައި މުޙައްމަދު އަމީން ހުރީ ބަންދުކުރެވިފައިކަން އާއިލާއިން ފާހަގަ ކޮށްފައި ވެއެވެ.

އަދި ޝަރީޢަތުގެ މަރުހަލާގައިވެސް ދައުލަތުގެ ފަރާތުން (ޕްރޮސެކިއުޓަރ އޮފީހުން) މައްސަލަ ދިގުދަންމަން، ބަލައިނުގަނެވޭ އެތަކެއް ކަމެއް ކޮށް ކްރިމިނަލް ކޯޓުން އެކުލަވާލި ތާވަލް އާއި އެއްގޮތަށް ޝަރީޢަތް ކުރިއަށް ގެންދެވިފައި ނުވެއެވެ. އަދި ގިނަފަހަރަށް ތާވަލު ކުރެވިގެން އަންނަނީ ސިޔާސީގޮތުން ރާއްޖޭގެ މަސްރަހު ހަލަބޮލިވެ ރައްޔިތުންގެ ސަމާލުކަން އަނބުރާލަން ބޭނުންވާ ދަނޑިވަޅުތަކުގައި ކަންވެސް އާއިލާއަށްވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ.

އަމީންގެ އާޢީލާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން މައްސަލައިގެ ހެކިހުށަހެޅުމުގެ މަރުހަލާ ނިމި ޙުލާސާބަޔާން އިއްވާ މަރުހަލާއަށް ދިއުމަށްފަހުވެސް ދައުލަތުގެ ފަރާތުން ނުފޫޒުފޯރުވައިގެން އިތުރު ހެކިން ގެނެސްފައިވާއިރު، ހެއްކާއިބެހޭ އައު ޤާނޫނު ތަންފީޒު ކުރެވެންދެން މައްސަލަ ދިގުދަންމައި އެއަށް އަމަލު ކުރެވެން ފެށުމުން އޭގެ ނާޖާއިޒުފައިދާ ދިފާޢުއަށް ބުރަބޮޑުވާގޮތަށް ނަގާފައިވާ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

އަމީންގެ އާއިލާއިން އިތުރަށް ބުނެފައި ވަނީ، ހެއްކާއި ބެހޭ ގޮތުން ދެކެވުނު ވާހަކައިގައި ދިފާޢުން ބަޔާން ކުރި އެއްވެސް ކަމަކަށް ރިޢާޔަތް ނުކުރެވި އޭގެ ޤާނޫނީ ސަބަބު ހާމަ ނުކުރެވި ވާކަމާއި، ދިފާޢުން ހުށަހެޅި ކިތާބީ ހެކި ވަޒަން ނުކުރެވުނު ސަބަބެއްވެސް ނިންމުމުގައި ފާހަގަކޮށްފައި ނުވާކަމުގައެވެ.

ހެއްކާއި ބެހޭގޮތުން ދިފާޢުގައި އެތައް ގަޑިއިރެއްވަންދެން އެތައް ކަމެއް ފާހަގަކޮށް ވާހަކަދެއްކިފައިވާއިރު، ޙުކުމް އިއްވުމުގައި ހަމަ އެކަނި އަމީންގެ ފަރާތުން އިންކާރުކުރިކަން ފިޔަވައި އެހެން ކަމެއް ފާހަގަ ކޮށްފައި ނުވެއެވެ.

އަމީންގެ އާއިލާގެ ބަޔާނުގައި ބުނެފައި ވެއެވެ.

‏ބަޔާނުގައި ވާގޮތުން އިތުރަށް ފާހަގަ ކުރެވުނު ކަންތަކުގެ ތެރޭގައި ދައުލަތުން ބޭނުންވާގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށް ބާރުފޯރުވުމުގެ ގޮތުން މައްސަލަ ބަލަމުން ގެންދެވި ޤާޟީގެ ސުލޫކީ މައްސަލަތައް ނަގާ ބިރުދެއްކުމުގެ އަމަލުތައްވެސް ދައުލަތުގެ ފަރާތުން ކޮށްފައި ވާއިރު، މައްސަލަ ނިމުމާ ގާތްވެފައި ވަނިކޮށް މައްސަލައިގެ ހައްސާސް ނިންމުންތަކެއް ބޭއިންސާފުން ނިންމުމަށްފަހު މައްސަލަ ބަލަމުން ގެންދެވި ޤާޟީވަނީ މައްސަލައިން ތަނާޒުލްވެފައެވެ. އެއަށްފަހު އައްޔަނު ކުރެވުނު ޤާޟީވަނީ މައްސަލައިގެ ޙުލާސާބަޔާން އިއްވާ މަރުހަލާގައި ދައުލަތުގެ ނުފޫޒުން ޤާޟީކަމުން ރިޓަޔާރކޮށްފައިކަމަށްވެސް އާއިލާއިން ބުނެއެވެ.

‏އާއިލާއިން އިތުރަށް ބުނެފައިވަނީ 2023 ޖެނުއަރީގައި އިއްވަން ހަމަޖެހިފައިވި ޚުލާސާބަޔާން އެކިއެކި އެފަދަ ސަބަބުތަކާ ހެދި ލަސްކުރެވެމުން ގޮސް އިއްވިފައިވަނީ 05 އޯގަސްޓް 2023 ގައި ކަމުގައެވެ. އަދި އެއަށްފަހު ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތު ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ހ)ގެ ދަށުން މައްސަލައިގެ އަޑުއެހުންތައް ނިންމާތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމައި ޙުކުމް ކުރުމުގެ މަޖްލިސް ބާއްވަން ޖެހޭނެކަމަށް އެމާއްދާގެ (ބ) ލާޒިމު ކުރިކަމުގައި ވީނަމަވެސް މައްސަލައަށް ގޮތްކަނޑައަޅައި ޙުކުމް މަޖްލިސް ބޭއްވިފައި މިވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމިތާ 3 މަހަށްވުރެން ދިގުމުއްދަތެއް ފާއިތުވީ ފަހުންކަމަށް ފާހަގަ ކުރަމުން އަމީންގެ އާއިލާއިން ބުނެފައިވަނީ.، ޝަރީޢަތުގެ މަރުހަލާގައި މިދިމާވި ގޮންޖެހުމާ ބޭއިންސާފުގެ އިތުރުން މުޙައްމަދު އަމީން ބަންދުގައި ބެހެއްޓި ބެހެއްޓުމުގައިވެސް އަނިޔާވެރި އެތައްކަމެއް ތަހައްމަލު ކުރަންޖެހިފައި ވާކަމުގައެވެ.

އެގޮތުން އާއިލާ ފަރާތުން ތަކުރާރުކޮށް އެދުމުންވެސް ހިއްސާކޮށްފައިނުވާ (އަދި ބައެއް ލިޔެކިޔުމުން އަދި އެކުލަވާ ނުލެވޭ ކަމަށް ދައުލަތުން އިއުތިރާފް ވެފައިވާ) ގަވާއިދު ތަކެއްގެ މައްޗަށް ބިނާކޮށް މުޙައްމަދު އަމީން އާއި ދޭތެރޭ ވަނީ ތަފާތު ކުރުން ގެންގުޅެފައިކަމަށް އާއިލާއިން ބުނެފައި ވެއެވެ.

އެގޮތުން ގައިދީންނަށް ލިބިދޭ އެކި އިނާޔަތްތަކުން މަހުރޫމް ކުރެވި ސިއްހީފަރުވާއަށް ހުރަސް އަޅާ މިމައްސަލަ ތަކަށް ހައްލެއް ހޯދުމަށް އާއިލާފަރާތުން އެދުމުންވެސް އެކަށޭނެ ފިޔަވަޅުއަޅައި ނުދީ ދިވެހިރާއްޖޭ ޤާނޫނުތަކުންވެސް ޓޯރޗަރ (ލާއިންސާނީ އަމަލު) ކަމަށް މާނަކުރާ ކަންކަން ކުރިމަތި ކުރުވާފައި ވާތީ، މިހުރިހާ ކަމަކަށް ރިޢާޔަތްކޮށް މިމައްސަލަ ހިނގާދިޔަގޮތާއި މުޙައްމަދު އަމީންގެ ބަންދުގެ މުއްދަތުގައި ދައުލަތުގެ ފަރާތުން ދީފައިވާ އަނިޔާއަށް ބަލައި އާއިލާއިން މިކަންކަން ކުއްވެރިކޮށް 8 ނޮވެންބަރު 2023 ގައި ކުރެވުނު ޙުކުމް އިސްތިއުނާފް ކުރަން ނިންމައިފީ ކަމުގައި އަމީންގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ޓެރަރިޒަމްގެ ކުށެއްގައި 27 އަހަރަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

އަމީންގެ މައްޗަށް ދައުވާ ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރީ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން އުޅުމާއި ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވާ ކަމަށް ބުނެއެވެ.

އަމީންގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ކަމަށްވާތީ މާބޮޑު ތަފްސީލެއް މިހާތަނަށްވެސް މީޑިއާތަކަށް ލިބިގެން ގޮސްފައެއް ނުވެއެވެ. އަމީން 27 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ