އިންތިހާބީ ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރައްވާ ޖަލްސާގެ ރިޔާސަތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ ނަމަ، އެމްޑީޕީން އިހްތިޖާޖް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަދި މަޖިލިހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
އަލީ ނިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދުގެ ސުޕްރީމް ކޯޓުގެ ހުކުމާއެކު އިންތިހާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަވަނީ މަޖްލިސް މެމްބަރުންގެ އިތުބާރުނެތް ރިޔާސަތެއް ކަމުގައިވާނަމަ އެކަމަށް އެމްޑީޕީން އިހްތިޖާޖް ކުރާނެ ކަމަށެވެ.
މިއަދުގެ ސުޕްރީމްކޯޓުގެ ހުކުމާއެކު އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަނީ މަޖްލިސް މެމްބަރުންގެ އިތުބާރުނެތް ރިޔާސަތެއް ކަމުގައިވާނަމަ އެކަމަށް އެމް.ޑީ.ޕީ އިން އިހުތިޖާޖު ކުރާނެ. އިހުތިޖާޖު ކުރާނެ ގޮތުގެ ތަފްސީލް ނިންމާނީ އެމް.ޑީ.ޕީ ޕީޖީ އިން
— Ali Niyaz 🎈 (@ali_niya) November 9, 2023
އިހްތިޖާޖް ކުރާނެ ގޮތުގެ ތަފްސީލް ނިންމާނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކަމަށް ވެސް އަލީ ނިޔާޒް ވިދާޅުވިއެވެ.
"މިއަދުގެ ސުޕްރީމް ކޯޓުގެ ހުކުމާއެކު އިންތިހާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިސް މެމްބަރުންގެ އިތުބާރު ނެތް ރިޔާސަތެއް ކަމުގައިވާ ނަމަ، އެކަމަށް އެމްޑީޕީން އިހްތިޖާޖް ކުރާނެ. އިހްތިޖާޖް ކުރާނެ ގޮތުގެ ތަފްސީލް ނިންމާނީ އެމްޑީޕީ ޕީޖީން،" އަލީ ނިޔާޒް ވިދާޅުވިއެވެ.
ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އެއާއެކު، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރޭވުން ފެއިލްވި ކަމަށްޓަކައި ހަމްދު ކުރާ ކަމަށެވެ.
"އިންތިހާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރާވަމުން ދިޔަ ރޭވުން ފެއިލްވި ކަމަށްޓަކައި މާތް ﷲ އަށް ހަމްދުކުރަން. ހުވާ ކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް." ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކީގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް ނެތަސް، މަޖިލީހުގެ ރައީސް ވަކިކުރުމާ ގުޅޭ ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލިހުގެ އިދާރާ އިން މިހާރު ވަނީ އެޖެންޑާކޮށްފައެވެ.
އާދިއްތަ ދުވަހުގެ އެޖެންޑާ މަޖިލިހުގެ އިދާރާ އިން ނެރުނު އިރު، އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ ވެސް ނަޝީދާ ދެކޮޅަށް ހުށަހެޅި ގަރާރުގެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ. ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީ މަޖިލިހަށް މައްސަލަ ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެ މެންބަރުންނަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންވެ، މަޖިލީހުން ނަޝީދު ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ނުގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.