ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަން އިތުރަށް ތަރައްގީ ކުރުމަށް ބަންދު ކުރެވޭ މުއްދަތު ދެ އަހަރަށް އިތުރު ކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ، ޓޫރިޒަމްގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގައި ގަވައިދަށް ގެނައި ފުރަތަމަ އިސްލާހުގަ އެވެ.
ފާއިތުވެދިޔަ ތަނުގައި އަލުން ތަރައްގީ ކުރުމަށް ރިސޯޓެއް ބަންދުކުރަން ހުއްދަ ދެނީ 18 މަސް ދުވަހަށެވެ.
އަލަށް ގެންސްފައިވާ އިސްލާހުގައި ވާގޮތުން އިސްލާހަށް އަމަލުކުރާއިރު އަލުން ތަރައްގީ ކުރުމަށް ތަނެއް ބަންދު ކޮށްފައިވާނަމަ، އަދި އެތަން މަރާމާތު ކުރުމަށް ދީފައިވާ މުއްދަތު ހަމަނުވާނަމަ، މުއަދަތު ހަމަވުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން، ދީފައިވާ މުއްދަތުގައި ތަން ނުނިމޭނަމަ މަސައްކަތް ނިންމުމަށް އިތުރު އެއް އަހަރުގެ މުއްދަތެއް ދެވޭނެއެވެ.
މި އިސްލާހުގައިވާ ގޮތުން، އިތުރުކުރެވޭ މުއްދަތުގައި މަސައްކަތް ނުނިމިއްޖެނަމަ މަސައްކަތް ނިންމުމަށް މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެން ވެއެވެ.
މިގޮތުން މިގޮތަށް މުއްދަތު އިތުރުކުރުމުގެ ކުރިން، މއްދަތު އިތުރުކުރާ ތަނެއް ބަލާ ފާސްކޮށް، މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ތަނުގައި ތިބިކަން ޓޫރިޒަމް މިނިސްޓްރީން ކަށަވަރުކުރަން ޖެހެ އެވެ. އޭގެ އިތުރުން، މަސައްކަތް ނިމިފައިވާ ގޮތް ބަޔާންކޮށްދޭ ރިޕޯޓެއް ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިފައިވާ ކުއަންޓިޓީ ސަވޭޔަރެއްގެ ނުވަތަ އިންޖިނިއަރެއްގެ ސެޓިފިކެޓަކާއެކު ހުށަހެޅަންޖެހެ އެވެ.
މި އިސްލާހުގައި ވާގޮތުން ކޯޓު ހުކުމަކާ ނުވަތަ ކޯޓު އަމުރަކާ ގުޅިގެން، ތަނަކާ ގުޅުން ހުރި ހައްގުތައް އެހެން ފަރާތަކަށް ބަދަލުވާ ހާލަތުގައި، އެ ތަނެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދޭނެ އެންމެ ދިގު މުއްދަތު ގުނަން ފަށާ ތާރީޚަކީ އެ ތަނަކާ ގުޅުން ހުރި ހައްގުތައް ބަދަލުކޮށްފައިވާ ތާރީޚެވެ.
މި އިސްލާހުގައިވާ ގޮތުން، ފަޅެއްގެ ނަމަ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގުމުއްދަތަކީ 4 އަހަރެވެ. އެހެން ރަށެއް ނުވަތަ ބިމެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ ތިން އަހަރެވެ.