ފެނަކައިގެ ދަރަނި 1.9 ބިލިއަން ރުފިޔާއަށް އަރާ

ފެނަކައިގެ ދަރަނި 1.9 ބިލިއަން ރުފިޔާއަށް އަރާ

ރައީސް ސާލިހުގެ ސަރުކާރުގައި އެންމެ ބޮޑަށް ކޮރަޕްގެ ތުހުމަތު ކުރެވިފައިވާ ކުންފުނި، ފެނަކަ ކޯޕަރޭޝަންގެ ދަރަނި 1.9 ބިލިއަން ރުފިޔާއަށް އަރާ ކަމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެކުންފުނީގެ ދަރަނީގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ 1.4 ބިލިއަން ރުފިޔާ އެބަހުރި ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ކޮންމެ މަހަކުވެސް އެކުންފުނިން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ދާކަމުގައެވެ.

އޭނާ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ބިލެއްކަމަށް ނުވާނަމަ، ފައިސާ ނުދެއްކި އޮންނާނީ އެއްއަހަރާއި ދޮޅުއަހަރާ ދެމެދުގެ ބިލްތައްކަމަށެވެ.

ފެނަކައިން މެދު އަދި ކުދިފަންތީގެ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ނުލިބިގެން ގިނަ އަދަދެއްގެ ކުންފުނިތަކުން ވަނީ ފާއިތުވި ރިޔާސީ އިންތިޚާބު ގާތްވެފައި ވަނިކޮށް ނޫސްކޮންފަރެންސެއްވެސް ބާއްވާފައެވެ. އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ކުންފުނިޔަކުން ބުނެފައިވަނީ ފެނައިކައިން ލިބެންޖެހޭ 300 މިލިއަން ރުފިޔާ ހުރިކަމަށެވެ.

އެހެންނަަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ 2018 ވަނަ އަހަރާއި ހަމައަށް އައިއިރު އެކުންފުނީގެ ދަރަނި ހުރީ 1.2 ބިލިއަން ރުފިޔާގައި ކަމުގައެވެ. އެހެންކަމުން އޭނާ ވިދާޅުވީ މި ދައުރުގައި އެކުންފުނީގެ ދަރަނި އިތުރުވެފައިވަނީ 600 މިލިއަން ރުފިޔާއިން ކަމަށެވެ.

ފެނަކައިގެ 2018 ގެ ފަހުކޮޅުން މި އަހަރަށް ދަރަނި އިތުރުވި އަދަދަކީ 1.9 ބިލިއަން ރުފިޔާ. އެހެންވީމަ ކުރީގެ ކުންފުނީގެ ދަރަންޏާ މިއާ އަޅާ ކިޔާލީމަ ހަގީގީ އިތުރުވި ދަރަންޏަކީ 632 މިލިއަން ރުފިޔާ.

ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ފެނަކައިގަ ޖުމްލަ މުވައްޒަފުންގެ އަދަދަކީ 7،300 ކަމަށެވެ. އޭގެ ތެރެއިން 2،000 މުއްޒަފުންނަކީ ވަގުތީ މުވައްޒަފުންކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ އެކުންފުނީގެ އެއްވެސް މުވައްޒަފަކަށް ސިޔާސީގޮތުން ވަޒީފާ ދީފައި ނުހުންނާނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *