އާބަންކޯއިން ތަރައްގީ ކޮށްފައިވާ ވިނަރެސް ފްލެޓްތައް ވިއްކަން ފެށުމާއެކު އޮންލައިން ޕޯޓަލްއަށް ނުވަދެވޭކަމަށް ގިނަބަޔަކު ޝަކުވާ ކޮށްފައިވަނިކޮށް، ފްލެޓް ވިއްކަން ފޯމު ހުށަހެޅުމަށް އާބަންކޯއިން ތައްޔާރުކުރިން ޕޯޓަލްއަށް މައްސަލަތައް ކުރިމަތިވެފައިވާކަމަށް ބުނެ، ވިނަރެސް ފްލެޓް ވިއްލުން އާރބަންކޯއިން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ރޭ މެންދަމު އާބަންކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ހުޅުވާލެވުނު ވަގުތު އޮންލައިން ޕޯޓަލްއަށް މެދުވެރިވި ޓެކްނިކަލް މައްސަލަތަކާއި ގުޅިގެން އެ ކޯޕަރޭޝަންއަށް ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާ ކަމުގައެވެ. އެހެންކަމުން ލިބުނު ޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ހުރިކަން އެކޯޕަރޭޝަނަށް ފާހަގަކުރެވޭތީ އެޕާޓުމަންޓު ގަތުމަށް އޮންލައިން ޕޯޓަލް މެދެވެރިކޮށް ފޯމުހުށަހެޅުމުގެ މަރުހަލާ މަޑުޖައްސާލުމަށް ނިންމާފައިވާކަމުގައި އެ ކޯޕަރޭޝަންއިން ބުނެފައި ވެއެވެ.
ލިބިފައިވާ ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް މި ކޯޕަރޭޝަނަށް ފާހަގަ ކުރެވިފައިވާތީ، އެޕާޓުމަންޓު ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މަޑު ޖައްސައިލުމަށް ވަނީ ނިންމާފައި.
އާބަންކޯގެ ބަޔާނުގައި ވެއެވެ.
އޮންލައިން ޕޯޓަލްއަށް ކުރިމަތިވި މައްސަލައަކީ ކޮބައިކަމެއް، އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅީ ކިތައް ފަރާތްކަމެއްވެސް އާބަންކޯއިން ހާމަކޮށްފައެއް ނުވެއެވެ. އަދި ފްލެޓްތައް ވިއްކުމަށް ދެން ހުޅުވާލާނެ ތާރީޚެއްވެސް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކުގައި ނުވިކި ހުރި ފްލެޓްތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިއްޔެ ހެނދުނު ހުޅުވާލުމާއެކު ފްލެޓްތައް ވިކި ހުސްވެއްޖެކަމަށް މިޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ، ނުވިކި ހުރި 123 ފްލެޓް ވިއްކުމަށް ހުޅުވާލިކަމަށެވެ. ނަމަވެސް އިއްޔެ ހެނދުނު 10:00ގައި ފޯމު ހުށައެޅުމަށް ފުރުޞަތު ހުޅުވާލިތާ، ގަޑިއެއްހާއިރުފަހުން ޕޯޓަލްއިން ފެންނަން އިން މެސެޖަކީ ހުރިހާ ފްލެޓްތަކަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމުގެ މެސެޖެވެ. އެޗްޑީސީގެ ޕޯޓަލްގެ ތެރެއިން ފުރުޞަތު ހުޅުވާލީ، ވިނަރެސްގެ ނުވިކި ހުރި ސްލޮޓްތައް އެނގޭނެގޮތަށް، އެފްލެޓް ނަންބަރެއް ޚިޔާރުކޮށް ފޯމު ހުށައެޅޭގޮތަށެވެ.
އެޗްޑީސީގެ ބަޔާނަށްފަހު މިހާރު ގަބޫލުކުރެވެނީ، ހުރިހާ ފެލްޓެތަކަށް ފޯމުހުށަހެޅިކަަމަށް ޕޯޓަލްއިން ދައްކާފައިވަނީ ޕޯޓަލްއަށް ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް، އޮންލައިން ޕޯޓަލްއަށް ކުރިމަތިވި މައްސަލައަކީ ކޮބައިކަމެއް، އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅީ ކިތައް ފަރާތްކަމެއްވެސް އާބަންކޯއިން ހާމަކޮށްފައެއް ނުވެއެވެ.
އާބަންކޯ އިން ކުރިން ނިންމާފައި އޮތީ ވިއްކަން ކަނޑައަޅާފައިވާ ހުރިހާ ފްލެޓަކަށް ފޯމު ހުށަހަޅާ ނިމުމުން މިކަމަށް ހާއްސަކުރި ޕޯޓަލް ބަންދުކުރާށެވެ. ނަމަވެސް އާބަންކޯ އިން ފްލެޓް ގަންނަން އިއްޔެ ހުޅުވާލުމާ އެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފްލެޓްތައް ވިކި ހުސްވެފައިވާ ކަމަށް ޕޯޓަލްއިން ދެއްކިނަމަވެސް، އެކަން ހިނގާދިޔަ ގޮތުން ވިނަރެސް ފްލެޓް ގަންނަން ބޭނުންވި ބައެއް މީހުންގެ ޝަކުވާތައް ވަނީ ވަރަށް ބޮޑުވެފައެވެ.
އަޅުގަނޑު ބަރާބަރު 10:00 ޖެހއިރު ވަންނަން މަސައްކަތް ކުރިން. ފޯމު ފުރަންވެސް ފުރުނު. އެކަމަކު ފޯމު ހުށަހެޅޭ ގޮތް ނުވެ ޕޯޓަލް ފާޑަކަށް ހުއްޓެނީ.
– ފޯމު ނުލެވުނު މީހަކު ބުނެފައި ވެއެވެ.
ވިނަރެސްގައި އަލުން ފުރުޞަތު ހުޅުވާލާފައިވަނީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓަށް ފައިސާ ދެއްކުމަށް މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި، ޔުނިޓް އިޚްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓް އިޚްތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށްލުމުން ނުވިކިހުރި ޔުނިޓްތަކަށްކަމަށެވެ. އެފަރާތްތަކަށް މި މަރުހަލާތައް ފުރިހަމަކުރުމަށް ދިން ހުރިހާ މުއްދަތެއް، ނިމުނު އޮކްޓޯބަރުމަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިހާ އަވަހަށް 100 އަށް ވުރެ ގިނަ ފްލެޓް މިގޮތަށް ވިކި ހުސްވާނެ ކަމަކަށް. މިކަން މިއަށް ވުރެ ޒިންމާދާރުކޮށް ބަލަން އެބަޖެހޭ.
– ޕޯޓަލް އަށް ނުވަދެވިގެން ފޯމު ހުށަހެޅޭ ގޮތް ނުވި އިތުރު މީހަކު ބުނެފައި ވެއެވެ.
ވިނަރެސް ފްލެޓްތަކުގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މިފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 22ވަނަ ދުވަހު ސަރުކާރުން ވަނީ، ވިނަރެސް ފްލެޓަށް ފައިސާ ދެއްކުމުގެ އިންޓްރެސްޓް ރޭޓް %9އިން %6އަށް ކުޑަކޮށްފައެވެ. އިންޓްރެސްޓް ރޭޓް ކުޑަކޮށްފައިވަނީ ދިގު މުއްދަތަކަށް ބަހާލައިގެން ކުލިދައްކާ ފަރާތްތަކަށެވެ.
ކޮމެންޓު ފޮނުވާ