ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުން ދުރުކުރުމަށް އެމްޑީޕީން މަޖިލިޖަށް ހުށަހަޅާފައިވާ ނޯން ކޮންފިޑެންސް މައްސަލަ ދެން އިތުރަށް ކުރިޔަށް ގެންދެވޭނީ އެޕާޓީން ސުޕްރިމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އެކޯޓުން ގޮތެއް ނިންމުމުން ކަމުގައި ޑިމޮކްރެޓިކް ޕާޓީން ބުނެފިއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލިހުގެ އަމީންއާންމަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީން ސުޕްރިމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ހަމަ އެމައްސަލާގައި ރައްޔިތުންގެ މަޖިލިހުން ބަހުސްކޮށް ގޮތެއް ނިންމުމަކީ އެމައްސަލައަށް ނުފޫޒު ފޯރާނޭ ކަމެއް ކަމުގައެވެ.
އެހެންކަމުން ސުޕްރިމް ކޯޓުން މިހާރު ބަލައިގެންފައިވާ މައްސަލައާމެދު އެ ކޯޓުން ގޮތެއް ނުނިންމަނީސް ރައްތުންގެ މަޖިލިހުގައި ދެން އެމައްސަލަ ކުރިޔަށް ގެންދެވިދާނެކަމަށް ނުދެކޭ ކަމަށްވެސް އަލީ އާޒިމްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ވަނިކޮށް، ހަމަ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ބަހުސްކޮށް ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ކޯޓަށް ނުފޫޒު ފޯރާނޭ މަސައްކަތެއް ކަމުގައި ދެކޭތީ އެ މައްސަލައާ މެދު ގޮތެއް ނިންމަންދެން މި މައްސަލަ އެޖެންޑާ ކުރެވިދާނެ ކަމަށް ނުދެކެމެވެ.
ރައްޔިތުންގެ މަޖިލިހުގެ އަމީންއާންމަށް އެޑްރެސް، މިހާރު ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން އަލީ އާޒިމް ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށްވެސް މިހާރުވަނީ އެޖެންޑާ ކޮށްފައެވެ.
މިހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން މަޖިލީހުން އަންނަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރަމުންނެވެ. ނަމަވެސް އެދުވަހުން ފެށިގެން މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ސަލާމުގައި ހުންނެވުމުން އެ މައްސަލަ ވަނީ ކުރިއަށްގެންދެވޭގޮތް ނުވެފައެވެ.
އީވާ ސަލާމުގައި ހުންނެވީ ޑެންގީ ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީއެވެ. އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ، މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތައްވެސް މަޖިލީހާ ހިއްސާކުރައްވާފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ.
ނަމަވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައިވެސް މަޖިލިސް ކުރިއަށް ގެންދެވޭނެކަން މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާކަމަށެވެ. އެގޮތުން މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށް ބަޔާންކުރާ މާއްދާ މެންބަރުން ފާހަގަކުރައްވައެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ. މި ގޮތުން މިހާތަނަށް މަޖިލީހުގައި ރައީސާއި ނައިބު ރައީސް ރިޔާސަތުގައި ވަޑައިގެން ނެތް ދުވަސްތަކުގައި ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފުވެ.
އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅުއްވާފައެވެ. އެ މައްސަލާގައި ބަޔާންކުރައްވާފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދެއްވުމަށްވެސް އެމްޑީޕީންވަނީ ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލާގައި އެދިވަޑައިގެންފައެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް ނެތި މަޖިލިސް ހުއްޓުވާފައި ބޭއްވޭނެ ގޮތެއް ޤަވާއިދުގައިވެސް ނެތްކަމަށެވެ.