ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވާ އިވެންޓެއްގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިނުގަތުމުގެ މަގްސަދެއް ނެތް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ވ. އާރަށް މައްސަލައިގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަށު ބަންދަށް ބަދަލު ކުރެއްވުމާއެކު، އެމަނިކުފާނު ވަނީ ޕީޕީއެމްގެ ސަޕޯޓަރުންނާ ދެ ރެއަކު ބައްދަލު ކުރައްވައިފައެވެ. އެގޮތުން، ޕީޕީއެމްގެ ގިނަ ސަޕޯޓަރުންތަކަކާ އެކުގައި ބައްދަލު ކުރެއްވުމަށް ފަހު، ޖެހިގެން އައި ރޭ އެމަނިކުފާނު އިސްވެ ހުންނަވައި ޕީޕީއެމް އޮފީހުގައި ޖަގަހަ ޖަލްސާއެއް ވެސް ބޭއްވެވިއެވެ.
ނަމަވެސް އެއިން އެއްވެސް ބައްދަލުވުމެއްގެ ތެރެއިން ޕާޓީގެ ލީޑަރޝިޕުގެ ބޭފުޅުން ފެނިފައެއް ނުވެއެވެ. އެހެންވެ ގިނަ ބަޔަކު ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު އުފައްދައިފައެވެ.
ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންތަކެއް އައްޑޫ ސިޓީ އަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ފުރަތަމަ ބައްދަލުވުން ކުރިއަށް ދިޔައިރު، ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ތިއްބެވީ ހޮޓެލް ޖެންގައި އޮތް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފަރާތުން ބޭއްވި ޖަލްސާގައި ކަމަށެެވެ.
"ހޮޓެލް ޖެންގެ ބައްދަލުވުން އަޅުގަނޑުމެން ނިންމާލީ 11:15 ކަންހާއިރު. އޭރު ރައީސް ޔާމީން ގެއަށް ވަޑައިގަންނަވައިފި. އެރޭ ކަންދިމާވި ގޮތަކީ، އިންތިޚާބީ ރައީސްގެ އިވެންޓަކީ މާ ދުރާލާ ރޭވިފައި އޮތް އިވެންޓެއް. އެ އިވެންޓަށް އަޅުގަނޑުމެން އޮތީ މާ ކުރިން ލީޑަރޝިޕަށް ދައުވަތު ދީފައި. އެހެންވީމާ ލީޑާޝިޕްގެ ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ޖެންގައި އަޅުގަނޑުމެން ތިބީ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ޖަގަހަ ޖަލްސާ ބޭއްވި ރެއަކީ އިންތިހާބީ ރައީސް މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގަތުމަށް އޮތް ރެއެވެ.
"ޖެހިގެން އައި ރެއަކީ އިންތިޚާބީ ރައީސް ސިންގަޕޫރަށް ވަޑައިގަންނަންވެފައި އޮތް ރޭ. އެރޭ އަޅުގަނޑުމެން ތިބީ އިންތިޚާބީ ރައީސް ފުރުއްވަން އެއާޕޯޓް ގައި. އޭގެ ކުރިން ޝިޔާމް ވަޑައިގެންނެވި އެތަނަށް. (ޖަގަހަ ޖަލްސާ އަށް) އެތަނަށް ވަޑައިގެންފައި، ޖަލްސާގައިވެސް ވަޑައިގެންފައި، ރައީސް (ޔާމީން) އަށް ދަންނަވާފައި، އެއާޕޯޓް އަށް ވަޑައިގެންނެވީ." އަދުރޭ ވިދާޅުވިއެެވެ.
އަދުރޭ ވިދާޅުވީ، ދެ ޖަލްސާގައިވެސް ބައިވެރި ނުވެވުނީ އެއްގޮތަކަށްވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ އިވެންޓެއްގައި ބައިވެރި ނުވުމުގެ މަގުސަދެއްގައި ނޫން ކަމަށެވެ.
ކޮމެންޓު ފޮނުވާ