ފެނަކަ ކޯޕަރޭޝަންގެ ދަރަނި މިދިޔަ އަހަރު ނިމުނު އިރު 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި އެ ކުންފުނީގައި މިހާރު ވެސް 8،126 މުވައްޒަފުން އެބަތިބި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް މިއަދު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މ. ދިމްޔާތުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިރްޒުލް ވިދާޅުވީ ދަރަނީގެ ތެރެއިން އެކިއެކި ސަޕްލަޔަރުންނާއި ވިޔަފާރިތަކަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. އަދި 3.2 ބިލިއަން ރުފިޔާގެ ތެރެއިން 958 މިލިއަން ރުފިޔާއަކީ އެ ބިލްތަކަށް ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ، އޭގެ ފަހަށް، އެއް އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ ފައިސާ ކަމަށް ވެސް ފިރްޒުލް ވިދާޅުވިއެވެ.
ފިރްޒުލް ވިދާޅުވި ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބެން ޖެހޭ ފަރާތްތަކުގެ ގޮތުގައި 1،149 ފަރާތް އެބަތިބިއެވެ.
"މިއަދުގެ ހާލަތަށް ބަލާއިރު، ފެނަކައިން ޕްރޮކިޔުމެންޓުގެ ކަންކަން ކުރިއަށް ގެންދާ ގޮތުންނާއި ކެޕިޓަލް އެކިއެކި މަސައްކަތްތައް ބައްޓަންކޮށްފައިވާ ގޮތުންނާއި މުވައްޒަފުންގެ ހާލަތު ހުރި ގޮތުންނާއި އަދާ ނުކުރެވި ހުރި ދަރަނީގެ ހާލަތު ހުރި ގޮތުން، އެ ދަރަނިތައް ވަކި ހިސާބަކަށް ގޮސް އަތް ނުފޯރާ ހިސާބަށް ދިއުމުން ދަރަނި އަދާކުރުމަށް ބޮޑެތި އަދަދު ތަކުން ލޯނު، ބައެއް ފަހަރަށް ބޮޑެތި އިންޓްރެސްޓުގައި %10 އާ ހަމައަށް ލޯނު ނަގާފައި ހުރުމުން ކުންފުނީގެ ހާލަތު މިއަދު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި،" ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން އާހިރުގައި ކުންފުނީގެ ބަޖެޓުން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ފެނަކަ އިން ހަރަދު ކުރަން ޖެހޭ ކަމަށެވެ.
ފިރުޒުލް ވިދާޅުވީ ކުންފުނީގެ އިދާރީ އަދި މާލީ ހިންގުމުގެ ތެރޭގައި ކުންފުނީގެ ބަޖެޓު ފާސްކުރުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ވެސް ހިފެހިއްޓިފައެއް ނުވާ ކަމަށެވެ. އެގޮތުން، 2022 ވަނަ އަހަރަށް ކުންފުނީގެ ބަޖެޓު ފާސްކޮށްފައި ވާއިރު، ކުންފުނީގެ ޖުމްލަ ބަޖެޓުގެ ތެރެއިން 1.6 ބިލިއަން ރުފިޔާ އަކީ ޑެފިސިޓްކަން ފާހަގަކޮށް އެ ބޭފުޅުން ބަޖެޓު ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފެނަކައިގެ މި އަހަރުގެ ބަޖެޓު ފާސްކުރި އިރު ވެސް 960 މިލިއަން ރުފިޔާ އަކީ ދަރަނި ކަމަށް ހިމަނާފައިވާކަން ފިރުޒުލް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ، މި ދަރަނި ފައިނޭންސް ކުރާނެ ގޮތެއް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށާއި، ނަމަވެސް ދަރަންޏަކާ އެކު ބަޖެޓު ފާސްކުރުމަށް ފަހު، ކުންފުންޏަށް މުވައްޒަފުން އިތުރުކޮށް، ތަކެތި ގަނެ، މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި އަހަރު އެކަނި ވެސް 700 އަށް ވުރެ ގިނަ މުވައްޒަފުން އިތުރު ކުރި: ފިރްޒުލް
މީގެއިތުރުން ފިރްޒުލް ވިދާޅުވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި ތިބި މުވައްޒަފުންގެ އަދަދު 8،126 އަށް އަރާ ކަމަށާއި އެމީހުންނަށް މަހެއްގެ މައްޗަށް 82 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. މި އަހަރުގެ މާޗު މަހުގެ ފަހުން މިއަދާ ހަމައަށް އިތުރު 747 މުވައްޒަފުން ފެނަކަ އަށް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ 2018 ވަނަ އަހަރު ނިމުނު އިރު ފެނަކައިގައި ތިބީ 2،756 މުވައްޒަފުން ކަމަށެވެ. ނަމަވެސް މިއަދު މިހާތަނަށް 8،126 މުވައްޒަފުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ 5،370 މުވައްޒަފުންގެ އިތުރުވުމެކެވެ.
ފިރުޒުލް ވަނީ، ފެނަކައިގެ މުވައްޒަފުން ކުރާ މަސައްކަތް ލުއިވެ، އެއް ކަމަކަށް މަދު މުވައްޒަފުން ބޭނުންވާ ގޮތަށް އެ ފަސޭހަ މިހާރު އައިސްފައިވީ ނަމަވެސް، މުވައްޒަފުންގެ އަދަދު އިތުރުވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"މިސާލަކަށް ކުރިން ބިލު ތައްޔާރުކުރުމާ، ކުރިން ގޭގެއަށް ބިލު ފޮނުވުމުގެ މަސައްކަތް މިހާރު ހުރީ ވަރަށް ބޮޑުތަނުން ލުއިފަސޭހަ ވެފައި. ނަމަވެސް، އެ ލުއިފަސޭހަކަން ލިބިގެން ދިޔައިރު، ކުރިން އެ މަސައްކަތް ކުރުމަށް، ފެނަކައިގެ ބްރާންޗެއްގައި ހަތް މުވައްޒަފުން ތިބޭ ކަމަށްވާ ނަމަ، މިއަދު އެ އަދަދު 40އާ ގާތް ކުރާ ވަރަކަށް އެބަތިބި،" ފިރުޒުލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ