ފަލަސްތީނަށް އެހީވުމަށް ރާއްޖޭގެ ކޭކް ޑޯނާސް އިން ކުރިއަށް ގެންދިޔަ ފަންޑްރައިސިންގެ ދެ އިވެންޓަކުން ޖަމާކުރި ފަސް ލައްކަ ރުފިޔާ އައިއޭސީއާއި ހަވާލު ކޮށްފިއެވެ.
ފަލަސްތީނު ފަންޑަށް އެހީވުމަށް ކޭކް ޑޯނާސް އިން ދެ ފަހަރެއްގެމަތިން ހަރަކާތްތައް ހިންގާފައި ވެއެވެ. މިގޮތުން ފާއިތުވި އޮކްޓޯބަރުމަގެ 17 ވަނަ ދުވަހުވަނީ މާލޭ 4 ސަރަހައްދެއްގައާއި ހުޅުމާލޭގެ 3 ސަރަހައްދެއްގައި ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވަނީ އެކި ސަރަހައްދުތަކުގައި ސްޓޯލްތައް ބަހައްޓައިގެން ކެއުމުގެ ބާވަތްތައް ވިއްކާފައެވެ. އޭގެ ތެރޭގައި ކޭކާއި، ޕޭސްޓްރީގެ އައިޓެމްތައް ހިމެނެއެވެ. އިވެންޓުގައި މާލެ ސަރަހައްދުން 341،865.25 ރުފިޔާ ހޯދާފައި ވެއެވެ.
ކޭކް ޑޯނާސް އިން ދެވަނައަށް ބޭއްވި ފަންޑު ރައިސިން އިވެންޓް ކުރިޔަށް ގެންގޮސްފައިވަނީ އާބަންކޯއާއި ގުޅިގެން އޮކްޓޯބަރު 28 އިން 31 ގެ ނިޔަލަށެވެ. މި ހަރަަކާތުން ޖަމާކޮށްފައިވަނީ 242،295.25 ފައިސާ އާއި 162 އެމެރިކާ ޑޮލަރެވެ.
ދެ ހަރަކާތުން ފަލަސްތީނު ފަންޑަށްވަނީ 5 ލައްކައަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައެވެ.
ކޭކް ޑޯނާސް އިން ބުނެފައިވަނީ އިވެންޓުތައް ނިމުމާއެކު ޖަމާކުރެވުނު ފައިސާ، ފަލަސްތީނު ފަންޑަށް ފައިސާ ޖަމާކުރަމުންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލު ކޮށްފައިވާ ކަމުގައެވެ.
ކޭކް ޑޯނާސް އިން ގެންދަނީ 2016 ވަނަ އަހަރުން ފެށިގެން އިޖުތިމާއީ މިފަދަ ހަރަކާތްތަކުގައި ބައިވެރި ވަމުންނެވެ.
ކޮމެންޓު ފޮނުވާ