ޓުޓިކޮރިން އިން ރާއްޖޭގެ ދެކުނަށް އައި ފުރަތަމ ކާގޯ ބޯޓް އައްޑޫގައި ބަނދަރުކޮށްފި

ޓުޓިކޮރިން އިން ރާއްޖޭގެ ދެކުނަށް އައި ފުރަތަމ ކާގޯ ބޯޓް އައްޑޫގައި ބަނދަރުކޮށްފި

Author
މުޙައްމަދު ޖިމީ
10 ޑިސެމްބަރ 2020 07:20
0

އިންޑިއާގެ ޓުޓިކޮރިންއިން ރާއްޖޭގެ ދެކުނަށް އައި ފުރަތަަމަ ކާގޯ ފެރީ އައްޑޫގެ އިންޓަރނޭޝަނަލް ޕޯޓްގައި ބަނދަރުކޮށްފިއެވެ.

އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އައި ފުރަތަަމަ ކާގޯ ފެރީ އައްޑޫ ސައުތު އިންޓަރނޭޝަނަލް ޕޯޓްއަށް ބަނދަރުކޮށްފައިވަނީ މިއަދު ހަވީރު 4:15 އެހާކެއް ހާއިރުއެވެ. މިދިޔަ ހޯމަ ދުވަހު އިންޑިއާއިން ފުރައިގެން އައި "އެމްވީ ބޮންތި 2″ ނަމަކަށް ކިޔާ ކާގޯ ބޯޓު އައްޑޫ އިންޓަރނޭޝަނަލް ޕޯޓްއަށް ވަނުމާއެކު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވަނީ ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. ޓުޓިކޮރިން އިން ރާއްޖޭގެ ދެކުނަށް އައި ފުރަތަމަ ކާގޯ ފެރީގައި، 2713.34 މެޓްރިކް ޓަނުގެ މުދާ ގެނެސްފައިވެއެވެ.

އިންޑިއާގެ ޓުޓިކޮރިންއިން ރާއްޖޭގެ ދެކުނަށް އައި ފުރަތަަމަ ކާގޯ ފެރީ އައްޑޫގެ އިންޓަރނޭޝަނަލް ޕޯޓްގައި ބަނދަރުކުރުން

އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އައި ފުރަތަަމަ ކާގޯ ފެރީއަށް މަރުޙަބާކިޔުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރުއާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގްގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގްގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވީ، ބޯޓު އައުން ލަސްވީ މޫސުން ގޯސްވުމާއި ގުޅިގެން ޓުޓިކޮރިން ބަނދަރުން މުދާ އެރުވުމުގައި ދަތިތަކެއް ދިމާވުމުންކަމަށެވެ. މިއީ މިމަހުގެ 6 ވަނަ ދުވަހު ކުރިން އައުމަށް ޝެޑިއުލްކުރި ބޯޓެކެވެ. މިއީ އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އަދި ހުވަދޫ ގުޅާލުމުގެ ގޮތުން ބާއްވާ ކާގޯ ފެރީއެކެވެ. މި ކާގޯ ފެރީން ކޮންމެ 20 ދުވަހަކުން ދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ޓުޓިކޮރިންއިން ރާއްޖޭގެ ދެކުނަށް އައި ފުރަތަަމަ ކާގޯ ފެރީ އައްޑޫގެ އިންޓަރނޭޝަނަލް ޕޯޓްގައި ބަނދަރުކުރުން

ދެކުނުގެ އަތޮޅުތަކާއި އިންޑިއާގެ ޓުޓިކޮރިންނާ ދެމެދު ކާގޯ ފެރީގެ ޚިދުމަތުން ގުޅަލާފައިވާއިރު، މީގެ ކުރިން އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާއި ދެމެދުވެސް ވަނީ ކާގޯ ފެރީގެ ޚިދުމަތުން ގުޅާލާފައެވެ. އެގޮތުން ކުޅުދުއްފުއްޓާއި ކޮޗިން އާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށާފައިވަނީ މިއަހަރު ސެޕްޓެމްބަރުމަހުއެވެ.

އިންޑިއާއާއި ރާއްޖޭގެ އުތުރާއި ދެކުނުން ކާގޯ ފެރީގެ ޚިދުމަތް ގުލުވާލުމުން ރާއްޖެ ގެނެވޭ މުދަލުގެ އަގު ޖެޔޮވެ އޭގެއިން ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.