ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާ ކޮށްފައި ވަނިކޮށް މަޖިލިހުގެ ނައިބު ރައީސް އީވާ މަޖިލިހަށް ސަލާމް ފޮނުވައިގެން މަޖިލިސް ޖަލްސާ ބޭއްވޭގޮތް ނުވުމާއެކު، ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން ރުޅި އިސްކޮށް، މަޖިލިހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާގެ ފޯނު ތަޅާލާ، އިދާރީ މޭޒުގައި ހުރި ތަކެއްޗަށް ގެއްލުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ހުށައަޅަފައިވާ މައްސަލަ މިއަދު ކުރިޔަށް ނުގެންދެވުމުގެ ސަބަބުން، މާދަމާއަށް އެ މައްސަލަ އެޖެންޑާކުރުމަށް ނިންމާ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފައެވެ.
އެހެންނަމަވެސް ޖަލްސާ ނިންމާލިކަން އިއުލާން ކުރުމާއެކު ދެން ފެނިގެންދިޔައީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އިދާރީ މޭޒުދޮށަށް އެއްވެ ހަޅޭ ލައްވަން ފެއްޓެވި މަންޒަރެވެ. އަދި ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމު އިދާރީ މޭޒުގައި ހުރި ޑެސްކްޓޮޕް މޮނިޓަރެއްގައި ހިފާ ހުރިތަނުން ދަމައިގަތް މަންޒަރުވެސް ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯތަކުން ފެންނާން ހުރެއެވެ.
މި ހަމަނުޖެހުންތަކުގައި ވަނީ މަޖިލިހުގެ ކައުންސެލް ޖެނެރަލް ފިލްޒާގެ ފޯނުވެސް ތަޅައިގެން ގޮސްފައެވެ. އަދި ރިޔާސަތުގައި ހުރި ބައެއް ތަކެއްޗަށްވަނީ ގެއްލުން ލިބިފައެވެ.
އޭގެ އިތުރުން ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފުވަނީ މަޖިލިސް ރައީސް އިންނަވާ ގޮނޑިކޮޅުގައި އިށީނދެ ވާހަކަވެސް ދައްކާފައެވެ.
މި ކޯޅުންތަކުގެ ތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުންވަނީ އަމީންއާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ އިސްތިއުފާ އަށް ވެސް ގޮވާލައި އަޑު އުފުލާފައެވެ. ގިނަ މެމްބަރުން ވިދާޅުވެފައިވަނީ މަޖިލިސް ނާއިބު ރައީސް ވަޑައި ނުގަތަސް އެހެން ޖަލްސާތަކެކޭ އެއްފަދައިން މިއަދުގެ ޖަލްސާވެސް ކުރިޔަށް ގެންދަން ޖެހޭނެކަމަށެވެ.
އެމްޑީޕީގެ 49 މެމްބަރަކު ސޮއިކޮށް، ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ދެވަނަ ފަހަރަށް މަޖިލިހަށް ޕެޓިޝަން ހުށަހެޅީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެމައްސަލާގެ ނޯޓިސް މެމްބަރުންނަށް ފޮނުވާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މިމައްސަލާގައި ޖަވާބުދާރީ ވުމަށް ނަޝީދަށް 30 މިނިޓު އެރުވުމަށް މަޖިލިހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
އާދީއްތަ ދުވަހަކީ ޢާންމުކޮށް މަޖިލިސް ޖަލްސާ އޮންނަ ދުވަހެއް ނޫނެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގަިއ ބުނަނީ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވުމުން ރަސްމީ ބަންދު ނޫން ދުވަހެއްގައި ޖަލްސާ ބާއްވަން ވާނެކަމަށެވެ.
އެމްޑީޕީން ތުހުމަތުކުރަނީ މިއަދުގެ ޖަލްސާއަށް އީވާ ވަޑައިނުގަންނެވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ލަސްކުރުމަށް ކަމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅައި އެމައްސަލަ ކުރިއަށް ގެންދާނަމަ ރިޔާސަތު އިންނަވާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށެވެ.
މީގެ ކުރިންވެސް މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށައެޅިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް، އިތުބާރު އޮތްކަމަށް ބުނެ އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.
މިފަހަރު ހުށައެޅީ ނަޝީދުގެ އިތުބާރު ނެތްކަމަށް އެކަންޏެވެ. އެ މައްސަލަ ހުށައެޅީ އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށްފައެވެ.
އެމްޑީޕީން ބުނެފައިވަނީ މިހާރު ހުށަހެޅިފައިވާ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަސް ނުގެންގޮސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިޚާބީ ނައިބު ރައީސް ހުވާކުރައްވައިފިނަމަ ހުވާގެ ސައްހަކަން ބަލައި ނުގަންނާނޭ ކަމުގައެވެ.
އީވާ މިއަދުގެ ޖަލްސާއަށް ސަލާމް ފޮނުވާފައިވަނީ އޭނާ ޑެންގޫއަށް ޕޮޒިޓިވް ވެފައިވާކަމަށް ވިދާޅުވެއެވެ.