ޚިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިންގެ ބަންދަށް ކަރެކްޝަނަލް ސާވިސްއިން ބޮޑު ލުޔެއް ދީފިއެވެ.
"ޚަބަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި ކަރެކްޝަންސްއިން ރައީސް ޔާމިން މިހާރުވަނީ ރަށު ބަންދަށް ބަދަލު ކޮށްފައެވެ. އަދި މި ބަދަލާއެކު ރައީސް ޔާމިންނަށް މީހުންނާއި ބައްދަލު ކުރުމާއި ޖަލްސާތަކުގައި ބައިވެމުގެ ހުއްދަވެސް ކަރެކްޝަންސްއިން ދޫކޮށްފައިވާކަމަށްވެސް ވަނީ އެނގިފައެވެ.
އެހެންނަމަވެސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ޔާމިންއަށް ގެއިން ބޭރަށް ވަޑައިގެންނެވޭނީ "ސިއްޙީ ފަރުވާއާއި ގުޅޭ ކަންކަމުގައި" އެ ސާވިސްގެ ހުއްދަ ހޯދައިގެންނެވެ.
ރައީސް ޔާމިން "ރަށު ބަންދަށް" ދޫކޮށްލާފައިވަނީ އެމަނިކުފާނާ ރައީސް ސާލިހާދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހުއެވެ. އަދި މި ބަދަލާއެކު ޔާމީނަށް މާލޭ ސަރަހައްދުގައި (މާލެ، ވިލިމާލެ، ހުޅުމާލެ) ބާއްވާ ޖަލްސާތަކަށް ހާޒިރުވެވި، އަދި މީހުންނާ ބައްދަލުކޮށްވެސް ހެދޭނެއެވެ.
އެހެންނަމަވެސް ޔާމިންގެ ބަންދަށް މި ގެނައި ބަދަލާއި ގުޅޭގޮތުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ފަރާތުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ޑރ. މިއުއްޒި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ޔާމިން ގެއަށް ބަދަލު ކޮށްފައިވަނީ މި އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހުއެވެ.
މުއިއްޒު އޭގެ ކުރިން ވިދާޅުވެފައިވަނީ، ރައީސް ޔާމީން ގެޔަށް ބަދަލު ކުރުމަކީ ރައީސް ޞާލިހަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ. އަދި ހާލަތު އޮތް ގޮތުންނާއި އެންމެ މަސްލަހަތު ހުރި ގޮތަށް ބަލާއިރު ރައީސް ޔާމީން ގެޔަށް ބަދަލު ކުރެއްވުމަކީ އެންމެ މަސްލަހަތު ހުރިގޮތްކަމަށްވެސް ވިދާޅުވެފައިވެއެވެ.
އިންތިޚާބުގެ ތެރޭގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލު ކުރާނެކަމަށް ވިދާޅުވެފައެވެ. ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހަކީ ޖުޑީޝަރީގެ ނުފޫޒު ރައީސް އޮފީސް ތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައީސް ޔަމީން ގެޔަށް ބަދަލު ކުރައްވާނެ ދުވަސްކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތަކީ ނުހައްގު އަނިޔާތަކެއްކަމަށް މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.
2022 ވަނަ އަހަރުގެ ޑިސެންބަރު 25 ވަނަ ދުވަހުގައި ކުރިމިނަލް ކޯޓުން ޔާމިންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން މި އަހަރުގެ ފެބްރުއަރީ މަހުގައި އިސްތިއުނާފުކުރެއްވި ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް މިހާރުވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަވެއެވެ.
ކޮމެންޓު ފޮނުވާ