ފުރަތަމަ ދެތިން މަސްތެރޭ ފުށިދިއްގަރު ބިން ހިއްކަން ފަށާނަން: މުއިއްޒު

ފުރަތަމަ ދެތިން މަސްތެރޭ ފުށިދިއްގަރު ބިން ހިއްކަން ފަށާނަން: މުއިއްޒު

Author
އަހުމަދު
28 އޮކްޓޯބަރ 2023 09:29
0

މާލެ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އާ ސަރުކާރުން ހިންގާނެ އެންމެ ބޮޑު މަޝްރޫއަކީ ފުށިދިއްގަރުފަޅު ހިއްކުން ކަމަށާއި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފުރަތަމަ ދެތިން މަސް ތެރޭގައި ފައްޓަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ސެންޓްރަލް ޕާކްގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އާ ސަރުކާރުގެ ޕްލޭނަކީ 10،000 ނޫނީ 20،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް ނޫން ކަމަށެވެ. މާލެ ސަރަހައްދުން އެކަނި 65،000 ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށް ދިނުމަށް ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަން ވެސް މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

އެގޮތުން، ފުށިދިއްގަރު ފަޅުގެ ބިން ހިއްކުމަށް ކުރަން ޖެހޭ މަސައްކަތް ނިންމައި، ޑްރެޖަރު ގެނެސް ދެ ތިން މަސް ތެރޭގައި ހިއްކަން ފަށާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަމަކު، މަސައްކަތް ކުރައްވާނީ ފުރަތަމަ މަސް ތެރޭގައި ވެސް މަސައްކަތް ފެށޭތޯ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ފުށިދިއްގަރު ފަޅުން ހިއްކުމަށް ހަމަޖެހިފައި ވަނީ 1،280 ހެކްޓަރެވެ. އެއީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށްލިޔަސް، ތިން ގުނަ ބޮޑު ސަރަހައްދެކެވެ. އެ ތަން ހިއްކާނީ "ސޭފް އައިލެންޑެއް" ގޮތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސޭފް އައިލެންޑެއްގައި ހުންނަން ޖެހޭ ހުރިހާ ފީޗާސްއެއް ހުންނަ ވަރަށް އުސްމިން ހުންނާނެ. މަދުވެގެން ތިން މީޓަރަށްވުރެ އުސްކޮށް ހިއްކައި، އިރާދަކުރެއްވިއްޔާ ސޭފް އައިލެންޑެއްގެ ގޮތުގައި ޑިކްލެއާކޮށްގެން ތިމާވެއްޓަށް ވެސް އޭގެ ފައިދާވާނެ ގޮތަށް،މި އަންނަ ހުރިހާ ކްލައިމެޓް ޗޭންޖް ކަންތައްތައްކަށް އެޑަޕްޓް ކުރެވޭ ގޮތަކަށް އެ މަޝްރޫއު ކުރިއަށް ގެންދާނީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގުޅީފަޅާއި ގިރާވަރުން ވެސް ހިއްކެން އޮތް އެންމެ ބޮޑުކޮށް ބިން ހިއްކަވާނެ ކަމަށެވެ. އެއާއެކު ކެމްޕެއިންގައި ވައުދުވި ގޮތަށް މާލެ ސަރަހައްދުން 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ވައުދުވެވަޑައިގެންނެވި ގޮތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއޫތައް ހިންގާނެ ކަމަށެވެ. އެހެންވެ، އެކަމުގައި އެއްވެސް ރައްޔިތަކު ޝައްކެއް ނުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.