ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނެގެންގޮސް، އިންތިޚާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތުގެ ރިޔާސަތުގަ ނަޝީދަށް ނީދެވޭނެ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއްނެރެ، ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރެވޭނެކަމަށްވެސް މަޖިލިސް އިދާރާއިން މިހާރުވަނީ އަންގާފައެވެ. އެހެންނަމަވެސް އެދުވަހަށް އެ މައްސަލަ އެޖެންޑާ ކުރާނެކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
މިމައްސަލައާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލިސް އިދާރާގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވީ، މިހާރު މަޖިލިހަށް ހުށަހަޅާފަ އޮތް މަޖިލިސް ރައީސްގެ އިތުބާުރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ގޮތެއް ނުނިންމާ، ނަޝީދު ރިޔާސަތުގައި އިންނަވައިގެން ނޮވެމްބަރު 17 ވަނަ ދުވަހު ޑރ. މުއިއްޒު ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވައިފިނަމަ އެއީ ސައްހަ ހުވައެއް ކަމަށް ގަބޫލު ނުކުރައްވާނެ ކަމުގައެވެ.
ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާ ކުރައްވާ ހުވާ، މިވޯޓު ނުނިންމާ ރިޔާސަތަކުން ނިންމާ ނިންމުމެއް، އަޅުގަޑުމެން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުވާކުރައްވައިގެން ހުރި ރައީސުލްޖުމުހޫރިއްޔާއެއް ކަމުގަ އަޅުގަޑުމެން ނުބަލާނެ ވާހަކަ، އެގޮތަށް އަޅުގަޑުމެންނަށް މަޝްވަރާ ކުރެވިފަ އޮތީމަ އެވާހަކަ ދަންނަވާލީ.
ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުން ނަޝީދު ދުރުކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކަށް ނަޝީދު ހުރަސް އަޅުއްވަމުން ގެންދަވާކަމަށް މޭރުން ކުރައްވަމުން އަސްލަމް ވިދާޅުވިއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ކިނބުދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، މިހާރު ހުށަހެޅިފަ އޮތް މައްސަލައާމެދު ގޮތެއް ނުނިންމާ މަޖިލިސް ރައީސްކަމުގަ މިހާރު ނަޝީދަށް އިންނެވޭނެކަމަށް ގަބޫލުވެސް ނުކުރައްވާނެ ކަމުގައެވެ. އަދި އެނާ ވިދާޅުވީ މިމައްސަލައާމެދު ގޮތެއް ނުނިންމާ، މުއިއްޒު ހުވާކުރާދުވަހުވެސް ނަޝީދަށް ރިޔާސަތުގަ އިންނެވިގެން ނުވާނެ ކަމަށާއި، އެފަދަ ހާލަތެއް އަތުވެއްޖެނަމަ މުއިއްޒު ހުވާކުރާ ރަސްމިއްޔާތު ސައްޙަ ރަސްމިއްޔާތަކަށް ވެގެން ނުދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނާޝިޒު އިތުރަށް ވިދާޅުވި އެގޮތަށް ޑރ. މުއިއްޒު މަގާމުގެ ހުވާ ކުރައްވައިފިނަމަ، މުއިއްޒު އައްޔަން ކުރައްވާ ކެބިނެޓަކަށް މަޖިލިހުގެ ރުހުންވެސް ލިބިގެން ނުދާނެ ކަމުގައެވެ.
އެޖަލްސާއިން އެކަން އެހެން ކަން ކުރައްވައިފިނަމަ، އެރައީސުލްޖުމުހުރިއްޔާ ފޮނުއްވާ ކެބިނެޓަށް ކަނޑައެޅިގެން ހަމަ ނޯ ޖަހާނީ އިނގޭތޯ.
އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް، ނަޝީދު ރިޔާސަތުގައި އިންނަވާ ޖަލްސާއެއްގައި ޑރ. މުއިއްޒު ހުވާކުރައްވައިފިނަމަ، ޑރ. މުއިއްޒުގެ ކެބިނެޓަށް މަޖިލިހުން ރުހުން ނުދޭނަކަމަށް އެމްޑީޕީން ނިންމާފައިވާކަން ހާމަކުރައްވަމުން ނާޝިޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ