ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ހިނގާ ކޯޅުންތަކުގައި ތާށިވާން ބޭނުން ނުވާކަމުގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާއި ޗައިނާއާދެމެދު ހިނގާ ކޯޅުނތަކުގެ ކައްފާރާއަކަށް ރާއްޖެ ވެގެން ނުދާނެކަމަށް މޭރުން ކުރައްވާ ޑރ. މުއިއްޒު ވާހަކަ ދައްކަވާފައިވަނީީ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ފާއިތުވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ރާއްޖޭގައި ދެން އުފެދޭނީ ޗައިނާއަށް ބަރޯސާވެފައިވާ ސަރުކާރެއްކަމަށާއި އަދި އެ ސަރުކާރު ވެގެންދާނީ އިންޑިއާއާއި ދެކޮޅު ސަރުކާރެއްކަމަށް ދެކެވޭ ވާހަކަތަކަށްވެސް މި އިންޓަރވިއުގައި ޑރ. މުއިއްޒުވަނީ ޖަވާބު ދެއްވާފައެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ހިނގާ ކޯޅުންތަކުގައި ތާށިވެ އޮންނަން ރާއްޖެއަކީ މާކުޑަ ގައުމެއް. މި ކޯޅުތަކުގައި ތާށިވެގެން ތިބޭކަށް ބޭނުމެއް ނޫން.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ބީބީސީއަށް ދެއްވި ފުރަތަމަ އިންޓަރވިއުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.
މި އިންޓަރވިއުގައި އިތުރަށް ވާހަކަ ދައްކަވަމުން ޑރ. މުއިއްޒުވަނީ އެމަނިކުފާނުގެ ސަރުކާރަކީ ޗައިނާއަށް ބަރޯސާވެފައި އޮންނާނެ ސަރުކާރެއްކަމަށް ބުނެ ދެކެވޭ ވާހަކަތައްވެސް ދޮގު ކޮށްފައެވެ. އަދި ދެން އުފެދޭ ސަރުކާރަކީ އަވައްޓެރި އިންޑިއާއާއި ދެކޮޅު ސަރުކާރެއްގެ ގޮތުގައި ކުރެވޭ ސިފަކުރުންތައްވެސް މުއިއްޒު ވަނީ ދޮގު ކުރައްވާފައެވެ.
އަހަރެންނަކީ "ޕްރޯ މޯލްޑިވްސް" (ދިވެހިރާއްޖެއާއެ އެއްކޮޅު) މީހެއް. އަހަރެންނަށް އެންމެ ފުރަތަމައީ ދިވެހިރާއްޖެ. އެންމެ އިސްކަންދޭނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް. އަހަރެންނަކީ އެއްވެސް ގައުމަކާ އެއްކޮޅު އަދި ދެކޮޅު މީހެއްވެސް ނޫން.
މުއިއްޒު ވިދާޅުވިއެވެ.
މި އިންޓަރވިއުގައި ޑރ. މުއިއްޒު ވިދާޅުވީ އެއްވެސް ގައުމަކާ އެއްކޮޅު އަދި ދެކޮޅު ނުވިނަމަވެސް އިންޑިއާ ސިފައިން ރައްޖޭގައި ތިބުމަކީ ރާއްޖެއަށް އޮތް ރިސްކެއް ކަމަށާއި، އަދި ވަކީން ޚާއްސަކޮށް، އިންޑިއާއާއި ޗައިނާއާ ދެމެދުއޮތް ހިމާލަޔަން ބޯޑަރުގެ މައްސަލާގައި އެދެގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވަމުންދާއިރު، މި ރިސްކު ރާއްޖެއަށް ބޮޑުވެގެން ދާކަމުގައެވެ.
މުއިއްޒު ވިދާޅުވީ މައްސަލައަކީ ރާއްޖޭގައި ތިބި އިންޑިއާގެ އެއަރކްރާފްޓްތައް އެކަނި ނޫންކަމަށާއި، ރާއްޖެއިން މިދައުރުގައި އިންޑިއާއާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތައްވެސް އަލުން މުޡާލިއާކުރަން ބޭނުންވާކަމުގައެވެ.
އެއްބަސްވުންތަކުގައި ހުރީ ކޮންވާހަކައެއް ކަމެއް ނޭނގޭ. މަޖިލިސް މެމްބަރުންނަކަށްވެސް ނޭނގޭ. މަޖިލިހުގައި ކުރިޔަށްދިޔަ ބަހުސްތަކުގައި މެމްބަރުންވެސް ވިދާޅުވެފައި އެބަހުރި އެ އެއްބަސްވުންތަކުގައި ހުރި ވާހަކަތައް ނޭނގޭކަމަށް.
މިސަރުކާރުން އިންޑިއާއެކު ކޮށްފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން ޑރ. މުއިއްޒު ވިދާޅުވިއެވެ.
މި އިންޓަވިއުގައި ޑރ. މުއިއްޒު ވިދާޅުވީ، ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެން ޖާގަ ނުދެެއްވާނަކަމަށާއި، އެއީ އިންތިޚާބީ ވައުދަކަށްވާތީ އެވައުދު ފުއްދަވާނެކަމުގައެވެ.