އިންސާނީ ހައްޤުތަކާއި، މަސްވެރިންގެ ދުވަސް: މާޔޫސްކަމާއި، ކަންބޮޑުވުން އިންތިހާއަށް!

އިންސާނީ ހައްޤުތަކާއި، މަސްވެރިންގެ ދުވަސް: މާޔޫސްކަމާއި، ކަންބޮޑުވުން އިންތިހާއަށް!

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2020 09:47
0

މިއަދަކީ ބައިންލަ އަޤުވާމީ އިންސާނީ ހައްޤުތަކުގުތަކުގެ ދުވަހެވެ. ހަމަ އެއާއި އެކީ ރާއްޖޭގެ ފަހުރުވެރިވި މަސްވެރިންގެ ދުވަހެވެ. މި ދެދުވަސް އެކީ ދިވެހިންނާއި މިއަދު ބައްދަލުކޮށްފައިވާއިރު، އިންސާނީ ހައްގުތަކުގެ ތެރެއިން ކަށަވަރު ކުރަންޖެހޭ އެންމެ އަސާސީ ހައްޤުތަކުން އެތައްބަޔަކު މިއަދު ވަނީ މަހުރޫމްވެފައެވެ. މުޅި ދުނިޔެއަށް ދިމާވި ކޯވިޑް-19 ގެ ބަލިމަޑު ކަމާއިއެކު ދިވެހިންގެ ތެރެއިން އެތައް ބަޔަކަށްވެސް ވަނީ ނިކަމެތިކަމާއި، ހިއްދަތިކަން ގެނުވާފައެވެ.

އެތައް ބަޔަކު ވަޒީފާތަކުން ކަނޑާލައި، ގޭގެ ކުލި ނުދެއްކި، ތިންއިރު ހަމަޔަށް ކާލާނެ ގޮތްވެސް ނެތިފައިވާ އެތައް ބަޔަކު މިއަދު އެބަތިއްބެވެ. މަސްވެރިންނާއި ދަނޑުވެރިންނާއި، މަސައްކަތްތެރީންނަށް ކަށަވަރުވާންޖެހޭ އެތައް ހައްގަކުން ވަނީ މަހުރޫމްވެފައެވެ. ޤާނޫނު އަސާސީން ދައުލަތުގެ މައްޗަށް ކަށަވަރު ކޮށްފައިވާ ރައްޔިތުންގެ އެންމެ އަސާސީ ހައްގުތައް ކަށަވަރު ނުކުރެވި، ރައްޔިތުން ދަނީ ނިކަމެތިވަމުންނެވެ. ބާނާ މަހަށް އަގުނުލިބި ރެއާއި ދުވާލު ކުރާ މަސައްކަތުން މަސްވެރިންނަށް ވަނީ އިންތިހާއަށް މާޔޫސްކަން ގެނުވާފައެވެ. ގޭދޮށު މަސްޕްލާންޓާއި، ކަނޑުމަތީގެ "ޖަގަހަ" ތަކާއިއެކު މަސްވެރިންނަށް އުންމީދު ގެނުވި ކަންކަމުން، އުންމީދެއް ނުފެނި ވަނީ މާޔޫސްކަން ގެނުވާފައެވެ.

އިންސާނީ ހައްޤުތަކީ، ދުނިޔޭގެ ކޮންތަނެއްގައިވެސް އެންމެބޮޑަށް ވަކާލާތުކޮށް ކަށަވަރުކޮށް ދިނުމަށް ރައްޔިތުން ނިކުމެ އަޑު އުފުލާ އެއްކަމެވެ. ސާފު ބޯފެނާއި، ނިދާނެ ތަންތަނާއި، ކާންބޯން ބޭނުންވާ ތަކެތި ކަށަވަރު ކޮށްދިނުމަކީ ކުރަންޖެހޭ ކަމެކެވެ. މިއަދު ރާއްޖޭގައި މަގުމަތިވެފައިވާ މީހުން ދަނީ އިތުރުވަމުންނެވެ. އަޅާލާނެ މީހަކު ނެތި މަގުމަތީގައި ނިކަމެތި ހާލުގައި ސަލާންޖަހާ މީހުންގެ އަދަދު ވަނީ އިތުރުވަމުންނެވެ. މިކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.

އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބަލާއިރު ރައްޔިތުންނަށް އަދުލުއިންސާފު ލިބުމަކީ އެންމެ މުހިއްމު އެއްއަސާސް ކަމަށްވާއިރު، ރާއްޖޭގައި އަދުލު އިންސާފު ލިބުމުގެ ހައްޤަކީ ވަކިބަޔަކަށް ލިބޭ އެއްޗަކަށް ވަނީ ވެފައެވެ. ދައުލަތުން ހިންގާފައިވާ ބޮޑެތި ވައްކަންތަކުގައި ޝާމިލުވާ މީހުންނަށް ހުކުމްކުރެވި ޝަރީއަތްތައް ހިނގާ ގޮތަށް ބަލައިލުމުންވެސްއެކަން ދަނީ ސާފުވަމުންނެވެ. ކުށްވެރިންނާއި ދައުލަތާއި ދެމެދު ބޮޑެތި އެއްބަސްވުން ހެދި، ކުރެވޭ ހުކުމްތައް އެއްބަޔަކު އަރާމުގައި ގޭގައި ތަންފީޒު ކުރަމުންދާއިރު، އަނެއްބަޔަކަށް އޮތީ ޖަލުގެ ކުޑަގޮޅިއެެވެ.

ޝަރުޢީ މަރުހަލާގެ ތެރެއިން ތިމާމެން ނުރުހޭ ފަނޑިޔާރުންނާއި، ޤާޒީން ވަކިކޮށް އެއާއިލާތަކަށް ދަނީ ނިކަމެތިކަން ދެމުންނެވެ. ޖޭއެސްސީއަކީ މިއަދު މުޅި ޖުޑިޝަރީގެ ކޮންޓްރޯލް ނަގާފައިވާ، ވަކި ބައެއްގެ އައްޑާއަކަށް ވަނީ ވެގެން ގޮސްފައެވެ. ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ދާއިރާއިން އެންމެ ޙާލަތު ގޯސްކޮށް އެއްބަޔަކީ ޖަލުތަކުގައި ތިބި ގައިދީންނާއި ބަންދު މީހުންނެވެ. މިއަދުވެސް ޖަލުތަކުގައި ޖާގައަށްވުރެ އިތުރުވެ 340 ގައިދީއަކު އެބަތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. ސާފުބޯފެން ޖަލުން ނުލިބި އެޗްއާރުސީއެމްއިން ވަނީ ގައިދީންނަށް ސާފު ބޯފެން ފޯރުކޮށްދޭން ދާދިފަހުން ފުލުހުންނަށްގެ މައްޗަށް އަމުރުވެސް ކޮށްފައެވެ. މަސްތުވާތެތީގެ ޝިކާރަކަށްވެ އެކަމުން އަރައިގަތުމަށް 600 އަށްވުރެގިނަ މީހުން ފަރުވާ ނުލިބި ތިބީ މަގުމަތިވެފައެވެ. ހައްގު ހޯދަން އަޑު އުފުލަން ނިކުތުމުން ގޯސްވެ ބަންދުކުރީ ހައްގު ހޯދަން ނިކުތް ޒުވާނުންނެވެ. މިއީވެސް ކަށަވަރު ކޮށްދޭންޖެހޭ ހައްގުތަކެވެ.

އިންސާނީ ހައްގުތަކުގެ ތެރެއިން ކުޑަކުދިންގެ ހައްގުތަކާއި އަންހެނުންގެ ހައްގުތަކަކީވެސް މިއަދު އިޔާދަ ނުކުރެވި ކަންބޮޑުވާވަރަށް ގެއްލެމުންދާ ހައްގުތަކެވެ. "ރޯޔަލް ރޭޕް" އަށް ވީގޮތެއް މިއަދު ނޭގި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާއާއި، ފުރައްސާރައިގެ މައްސަލަތައްވެސް އިންތިހާއަށް އިތުރުވެ އިންސާފު ގާއިމް ނުވާކަމީ މިއަދު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މިއަދު ރާއްޖޭގައި ހުރި މައްސަލަތަކަށް ޚާއްސަކޮށް އިންސާނީ ހައްޤުތައް ކަށަވަރު ކުރުމުގައި ފެނިގެންދަނީ އިހުމާލުތަކެވެ. ވުޒާރާތަކަށް އެކަށީގެންވާ މަސައްކަތް ނުކުރެވި ރައްޔިތުންގެ ނުރުހުން އިންތިހާއަށް އޮތް މަންޒަރެެވެ. އިންސާނީ ކަރާމަތާއި، ރައްކާތެރިކަން ކަށަވަރު ކޮށްގެން ނޫންގޮތަކަށް ރައްޔިތުންނަނަށް ހަމަޖެހުމެއް ލިބިގެން ނުދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.