ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ހުކުރު ދުވަހު ދިވެހިން ނިކުންނަނީ

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ހުކުރު ދުވަހު ދިވެހިން ނިކުންނަނީ

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2023 04:36
0

ފަލަސްތީނުގެ މީހުންނާ އެކު ދިވެހިން ތިބިކަން އަންގައިދޭން އަންނަ ހުކުރު ދުވަހު ހަވީރު މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް، ހުކުރު ދުވަހު ހަވީރު މާލެ އާއި ރަށްރަށުގައި ވެސް އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމައިފައެވެ. ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާ ވެފައެވެ. ބަދަލުގައި އިޒުރޭލުން ވެސް ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ މަރުވެފައެވެ.

ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުން ދަނީ ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅަމުންނެވެ. މި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 900 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައި ރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ހައްގުގައި ތިބިކަން ހާމަކޮށްދިނުމަށް 13 އޮކްޓޫބަރުވާ ހުކުރު ދުވަހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ހުކުރު ދުވަހު ފަލަސްތީނާއެކު ދިވެހިންގެ ނަމުގައި މާލޭގައި ސައިކަލު ބުރެއް އޮންނާނެއެވެ. އެ ހަރަކާތް އޮންނާނީ އެ ދުވަހުގެ ހަވީރު 16:00 ޖަހާއިރު ރަސްފަންނު ސަރަހައްދުގައެވެ. މާލޭގެ އިތުރުން ރާއްޖޭގެ ބޮޑު ދެ ސިޓީ ކަމަށްވާ ފުވައްމުލަކު އަދި އައްޑޫ ގައި ވެސް ހުކުރު ދުވަހު ވަނީ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައެވެ.

"ގަދަކޮށް ފަލަސްތީނާ އެއްކޮށް" ގެ ނަމުގައި ފުވައްމުލަކުގައި ވެހިކަލް ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 16:15 ގައި ފުވައްމުލަކު ބަނދަރު ސަރަހައްދުގައެވެ.

ހަމަ އެ ދުވަހު ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ ރެލީއެއް އައްޑޫ ސިޓީގައި އޮންނާނެއެވެ. އެ ރެލީ ފަށަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރިން ހަވީރު 16:00 ޖަހާއިރުއެވެ.

ރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ބަޔެކެވެ. އެ ގައުމަށް އެހީވުމަށް އެކި ފަންޑުތަނާއި ފައިސާ އެއްކުރުމުގެ ގިނަ ހަރާތްތަކެއް އަބަދުވެސް ދިވެހިން ހިންގައެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ހަރަކާތްތައް ވެސް ބާއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.