އިންތިގާލީ ކޮމެޓީން އިސްލާމިކް މިނިސްޓްރީއަށް ގޮސް މައުލޫމާތު ސާފުކޮށްފި

އިންތިގާލީ ކޮމެޓީން އިސްލާމިކް މިނިސްޓްރީއަށް ގޮސް މައުލޫމާތު ސާފުކޮށްފި

Author
އަހުމަދު
09 އޮކްޓޯބަރ 2023 11:40
0

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އިންތިގާލީ މަަސައްކަތްތަކަށް އެކުލަވާލި ޓީމުތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީއަށް ކަނޑައެޅި ޓްރާންސިޝަން ކޮމެޓީގެ މެމްބަރުން އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ އިންތިޚާބުވެ ވަޑައިގެންނެވި ރައީސް، މުއިއްޒަށް މަރުޙަބާ ވިދާޅުވެ، ޓްރާންސިޝަން ކޮމިޓީގެ ފަރާތުން މިނިސްޓްރީއަށް ވަޑައިގެންނެވި ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވައިފައެވެ.

އަދި މިނިސްޓްރީގެ މަސައްކަތް ކުރިއަށްދާގޮތާއި، ޓްރާންސިޝަން ކޮމިޓީން ބޭނުންވާ މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ފޯރުކޮށްދީ އެހީތެރިވެދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިރުޝާދު ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ޓްރާންސިޝަން ކޮމިޓީގެ ފަރާތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެ ކޮމިޓީއަށް ބޭނުންވާ މައުލޫމާތުތައް ފަސޭހަކަމާއިއެކު ހޯދައިދިނުމަށާއި އެ ކޮމިޓީން ކުރައްވާ މަސައްކަތްތަކަށް މިނިސްޓްރީގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ޓްރާންސިޝަނަލް ކޮމިޓީ އަށް ބޭނުންވާ މައުލޫމާތު މިނިސްޓަރާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

ޝަހީމްގެ އިތުރުން ޓްރާންސިޝަން ކޮމެޓީގައި، ކުރީގެ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. އަހްމަދު ޒިޔާދު ބާގިރު ވެސް ހިމެނިވަޑައިގަންނަވައެވެ.

އިންތިގާލީ މަސައްކަތްތަކަށް މުއިއްޒުގެ ފަރާތުން ޖުމްލަ 15 ޓީމެއް ވަނީ އެކުލަވާލައިފައެވެ. އެއީ ސަރުކާރުގެ އިދާރާތަކަށް އަށް ޓީމާއި ސަރުކާރުގެ ކުންފުނިތަކަށް ހަތް ޓީމެވެ. ކުރިއަށް ހުރި ދުވަސްތަކުގައި މި ޓީމުތައް އެކިއެކި ތަންތަނަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.