އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ދައުވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދެއްވުމަކީ އިންޑިއާ ސިފައިން ފޮނުވާލާނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒަކީ ތަފާތު ބޭފުޅެއް ކަމަށެވެ. އަދި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދައުވަތު ދެއްވުމަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބޭރުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތްޕުޅު ފައްޓަވާ ދެއްވާނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ޑރ. @MMuizzu އަކީ ތަފާތު ބޭފުޅެއް. ހުވާކުރެއްވުމުގެ ރަސްމިއްޔާތައް އިންޑިޔާގެ ޕުރައިމް މިނިސްޓަރަށް ދަޢުވަތު ދެއްވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބޭރުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތްޕުޅު ފައްޓަވާނެކަމުގެ އަލިގަދަ ދަލީލެއް. https://t.co/NTO3ezUXxS
— Ahmed Shiyam (@Shiyamaldives) October 7, 2023
އިންތިހާބީ ރައީސްގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން އަވަށްޓެރި ހުރިހާ ގައުމަކާއި، ރާއްޖެ އާ ގާތް ގުޅުން އޮންނަ އެހެން ބައެއް ގައުމުތަކުގެ ވެރިންނަށްވެސް އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދަޢުވާތު ދެއްވުމަށް ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނިންމާފައިވަނީ އަވަށްޓެރި ހުރިހާ ގައުމަކަށާއި ރާއްޖެއާއި ގާތްގުޅުން އޮންނަ ހުރިހާ ގައުމެއްގެ ވެރިންނަށް ވެސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވަން." ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް އެގޮތަށް ވިދާޅުވި އިރު، އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާ ގުޅޭ ހުރިހާ ކަމެއް އިންތިޒާމު ކުރަނީ ރައްޔިތުންގެ މަޖިލިހުންނެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ އިންތިހާބީ ރައީސް އާއި އިންތިހާބީ ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ދައުވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދެއްވާނެ ކަމަށެވެ.
"އަޅުގަނޑާ މި ފަހުން ޓްރާންސިޝަން އޮފީހުގެ ބޭފުޅުންނާ ވެސް ބައްދަލުވި، އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް ދައުވަތު ފޮނުވުމަށް، މިއަދު މެންދުރުފަހު އަޅުގަނޑު އެ ކަންކަން ކުރިއަށް ގެންދާނަން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ޖަލްސާއަށް 17 ނޮވެމްބަރު 2018ގައި މޯދީ ރާއްޖެ ވަޑައިގަތެވެ.
ކޮމެންޓު ފޮނުވާ