ރައްޔިތުން ހަވާލުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތުން ރެކެން އުޅުއްވާނެ ބޭފުޅަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމަށް އިންތިހާބީ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 119 ވަނަ އާންމު ޖަލްސާގައި މުއިއްޒު ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައްޔިތުންނަށްޓަކައި ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާ ކަަމަށެވެ. އޭގެ ތެރޭގައި މާލެ އަށް ވެވަޑައިގެންނެވި ވައުދުތައް ހިމެނޭ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. މުއިއްޒު ވިދާޅުވީ އެއިން ކޮންމެ ކަމެއް، އެމަނިކުފާނު ދެންނެވި ގޮތަށް ފުރިހަމަ ކުރައްވާނެ ކަމަށެވެ.
އަދި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި އަމަލާއި ބަހާ ދިމާވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުން ގާތަށް އައިސް މިކަމެއް ކޮށްދޭނަމޭ ކިއާފައި ދެން ގޮސް، އެކަމާ ދުރަށް ގޮސް ރެކެން މަސައްކަތް ކުރާ މީހަކަށް އަޅުގަނޑެއް ނުވާނެ. އަމަލާއި ބަހާ އިރާދަކުރެއްވިއްޔާ ދިމާވާނެ. އެ ހަގީގީ މާނައިގައި އެކަން ކުރުމުގެ ނިޔަތުގައި ނޫނިއްޔާ ނޯންނާނެ މުޅި ކެމްޕެއިންގައި އެންމެ ވަގުތެއްގައި ވެސް އެއްވެސް ވާހަކައެއްގައި އެ ނޫން ގޮތަކަށް ވާހަކައެއް ދައްކާފައެއް." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކައިގައި ވަނީ ކެމްޕެއިންގައި އެހީތެރިކަން ދެއްވި ހުރިހާ ކައުންސިލަރުންނާއި މުވައްޒަފުންނަށް ޝުކުރު ދަންނަވައިފައެވެ. މޭޔަރު ކަމަށް ހޮވިވަޑައިގަތީއްސުރެ، މިއަދާ ހަމައަށް ކައުންސިލަރުންނާއި މުވައްޒަފުން ދެއްވި އެއްބާރުލުން ފާހަގަ ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ކެމްޕެއިން ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުން އެހީތެރިވި، ޑިމޮކްރެޓްސްގެ މެމްބަރުންނަށް ވެސް ޝުކުރު ދަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލެ ސިޓީ ކައުންސިލްގައި ޑިމޮކްރެޓްސްގެ މެމްބަރުން ތިއްބެވުމުން އެކަމަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ އެބޭފުޅުން އަމިއްލަ އަށް ވެސް ގުޅުއްވައި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވާފައިވާ ކަމަށެވެ.
"މިތަނުގައި އެހެން ޕާޓީތަކެއް ނެތް. ދެން އެހެން ޕާޓީތަކުގެ ބޭފުޅުން ވެސް ސަޕޯޓު ދެއްވެވި. އެހެންވީމަ އެކަން ވެސް ފާހަގަ ކުރަން." މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ