ޤައުމީ މަޖިލީހުގެ %50 ތާޢީދު އޮތްނަމަ އެމްޑީޕީއާ ގުޅެން ތައްޔާރު: ނަޝީދު

ޤައުމީ މަޖިލީހުގެ %50 ތާޢީދު އޮތްނަމަ އެމްޑީޕީއާ ގުޅެން ތައްޔާރު: ނަޝީދު

Author
އައިޝަތު އަޙްމަދު
01 އޮކްޓޯބަރ 2023 03:02
0

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ %50 ތާޢީދު އެމަނިކުފާނަށް އޮތްނަމަ އެމްޑީޕީއާއި ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލަށް ފޮނުއްވި މެސެޖެއްގައެވެ. މިއާއެކު ފައްޔާޒް ވަނީ އެކަން އެމްޑީޕީގެ ޤައުމީ މަޖިލީހާ ހިއްސާކުރައްވާފައެވެ.

ޤައުމީ މަޖިލީހަށް ފައްޔާޒް ފޮނުއްވި މެސެޖުގައި ވަނީ "އެމްޑީޕީގެ ޤައުމީ މަޖިލީހުގެ %50 ތާޢީދު އޮތްނަމަ އަޅުގަނޑު އެމްޑީޕީއާއި ގުޅެން ތައްޔާރު" ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒްގެ މި މެސެޖަށް ކުރެއްވި ރިޕްލައިގައި ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެެއަރޕާސަން އިބްރާހީމް ވަޙީދު ވިދާޅުވީ އެކަމަށް ތާއީދު ނުކުރައްވާކަަމަށެވެ.  ނަމަވެސް ޢައުމީ މަޖިލީހުގެ އެހެން ބައެއް މެންބަރުން އެކަމަށް ތާޢީދު ކުރައްވާކަން ހާމަކޮށްފައިވެއެވެ.

ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ޚިޔާލުތަފާތުވުމުގެ ތެރެއިން އެޕާޓީން ވަކިވެވަޑައިގެން ބައެއް މެންބަރުން އުފެއްދެވި ޕާޓީއެކެވެ. ރައީސް ނަޝީދުވެސް އެޕާޓީއާއި ގުޅިވަޑައިގަތުމަށްފަހު ވިދާޅުވެފައިވަނީ އެމްޑީޕީން އެމަނިކުފާނު ވަކިވެވަޑައިގަތީ ނޫންކަމަށާއި، އެކިދުވަހު އެމަނިކުފާނު އެކަހެރިކުރައްވަމުން ގެންގޮސް ޕާޓީން ދުރުކުރެއްވީކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރައ ޑިމޮކްރެޓްސްއިންވެސް ވާދަކުރިއެވެ. އެޕާޓިގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ އިންތިޚާބުގެ 3ވަނަ އެވެ. މިއާއެކު އެމްޑީޕީން ދަ ޑމިކްރެޓްސްއާއި ގުޅެން ބޭނުންވިއެވެ. ނަމަވެސް ޑިމޮކްރެޓުންގެ ޑިމާންޑުތަކަށް އެމްޑީޕީއަށް ޤަބޫލުނުކުރެވިގެން ޑިމޮކްރެޓުން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.