މިވެރިކަން ނިންމުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް: އާޒިމް

މިވެރިކަން ނިންމުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް: އާޒިމް

Author
މުޙައްމަދު ޝަޒައިމް
24 ސެޕްޓެމްބަރ 2023 04:27
0

މިވެރިކަން ނިންމުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު އޮންނައިރު އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރަށް ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދުކޮށްފައިވަނީ އެންމެ ޕާޓީއަކުންނެވެ. އެއީ އެމްއެންޕީންނެވެ. އެޕާޓީން ތާއީދުކުރީ ޑރ. މުއިއްޒަށެވެ. އެހެން ޕާޓީތަކާއި ކެންޑިޑޭޓުން ނިންމީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށް ތިބުމަށެވެ.

އިންތިޚާބުގައި ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ވޯޓު ލިބުނު ޑިމޮކްރެޓްސް އަކީ އެމްޑީޕީ ތެރެއިން އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން އުފެދުނު ސިޔާސީ ޕާޓީއެކެވެ. އެޕާޓީ އުފެއްދިތާ އެންމެ ތިން މަސްތެރޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި 15،000 އަށްވުރެ ގިނަ ވޯޓު ވަނީ ކާމިޔާބު ކޮށްފައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ޑިމޮކްރެޓްސްގެ ރޫހު ހުރީ ރައީސް ޞާލިހުގެ ވެރިކަން ނިންމުމަށެވެ. ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް މެމްބަރު އާޒިމް ވިދާޅުވީ މިވެރިކަން ނިންމުމަކީ މިހާރު ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއްކަމަށެވެ.

އާޒިމްގެ ޓުވީތަށް ރިޕްލައި ކުރި އެމްޑީޕީގެ ޢާންމު ބައެއް މެމްބަރުން ވަނީ އިންތިޚާބުން ރައީސް ޞާލިހު ބަލި ކުރުމަށްފަހު ނިޒާމީ ވޯޓު ހިފައިގެން އެމްޑީޕީގެ ޢާންމު މެމްބަރުންގެ ކައިރިޔަސް އަޔަސް އެކަމަށް ތާއީދެއް ނުކުރާނެކަމަށެވެ. އަދި މިފަހަރު ރައީސް ޞާލިހު އިންތިޚާބުން ބަލިވެއްޖެނަމަ އެމްޑީޕީގެ ވެރިކަން ގެއްލިގެން ދިއުމުގެ ޒިންމާ ޑިމޮކްރެޓްސް އިން ނަގަން ޖެހޭނެ ކަމަށް ބައެއް ޢާންމު މެމްބަރުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ގިނަ ބޭފުޅުން ގެންދަނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުއިއްޒަށް ތާއީދުކޮށް މުއިއްޒުއަށް އިންތިޚާބު ކާމިޔާބު ކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.