ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން ބޮޑު ތަނުން ނޫނެކޭ ބުނުމުން، ކެމްޕޭން ނުކޮށްތިބެ މިސަރުކާރުން ދަނީ އިންތިޚާބު ވަގަށް ނެގުމަށް ކެންޑިނޭޅި މަސައްކަތް ކުރަމުން ކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ދެވަނަ ބުރުގެ ކެމްޕޭންގައި ހދ.ނޭކުރެންދޫއަށް ކުރި ދަތުރުގެ ތެރެއިން ބޭއްވި ކުއްލި ނޫސްވެވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީ ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން މިމަހުގެ 9 ވަނަ ދުވަހު މިސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނުމުން މަސައްކަތް ކުރަނީ ދެވަނަ ބުރު ވަގަންނެގުމަށް ކަމަށެވެ.
އިންތިޚާބުގެ ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލަމުން ދެ ދުވަސް ތެރޭގައި 30،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅުމަކީ އިންތިހާއަށް އޮތް ކަންބޮޑުވުމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުން މިކަމަށް ފާރަވެރިވާންޖެހޭ ކަމަށެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީގެ ސްޓިއަރިން ކޮމެޓީތަކާއި، ޢާންމު މެމްބަރުން ޚާއްސަ ކޮމެޓީތައް އެކުލަވާލައި މިއަދާއި މާދަމާ މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އަދުރޭ ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ޝަކުވާއަށް ހުޅުވާލުމުން ލިބޭ ފުރުސަތުގައި ހުރިހާ ޝަކުވާތައް ވީހާވެސް އަވަހަށް ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖައްސާފައި ބެހެއްޓުމަށް އަދުރޭ ވަނީ އިލްތިމާސް ކުރައްވާފައެވެ. އެމީހަކު ވޯޓުލާތަން ޗެކް ކުރެއްވުމަށް 1414 VR(space) ID އަށް ފޮނުވުމުން ޗެކްކޮށްލެވޭނެއެވެ.
ގިނަ އަދަދެއްގެ ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވާތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ގުޅުއްވި ކަމަށާއި އެކަމުގެ ކަންބޮޑުވުން ފުއާދުވެސް ފާޅުކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ތުހުމަތު ކުރެއްވި ގޮތުގައި އިންތިހާބު "ވަގަށް" ނެގުމަށް މަސައްކަތްކުރަމުންދަނީ އިންޑިއާގެ އެހީތެރިކަމާއެކުގައެވެ.