ދެވަނަ ބުރެއްގައި ރައީސް ޞާލިހަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައީސް ޞާލިހުގެ ގާތް އެކުވެރިޔާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މި މަހު 25 ގައި ނިޒާމީ ވޯޓަކަށް ދިޔުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އިންތިޚާބުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅޭގޮތުން އެމްޑީޕީން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.
މިކަމާއި ގުޅުވައި ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިހަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެއްކަމަށެވެ. މިވަގުތު އެމްޑީޕީގެ ޢާންމު މެމްބަރުން ވިސްނަންވީ އުފެދެން އުޅޭ ރިޔާސަތުގެ ބާރުތަކާއި ގުޅޭގޮތުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ދެވަނަ ބުރެއްގައި ރައީސް ޞާލިހަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެއް. އެމްޑީޕީ މިވަގުތު ވިސްނަންވީ އުފެދެން އުޅޭ ރިޔާސަތުގެ ބާރުތަކާއި ގުޅޭގޮތުން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޯލިޝަން މަޝްވަރާއާ ގުޅޭ ގޮތުން ޑިމޮކްރެޓްސް އިން އެންމެ ފަހުން ބޭއްވި އިންޓްރިމް ކައުންސިލްގައި ވާހަކަ ދެއްކެވި ގިނަ މެންބަރުންގެ ވިސްނުމަކީ ވެސް އެމްޑީޕީ ނުވަތަ ޕީޕީއެމްއާ މަޝްވަރާ ކުރާއިރު ސަރުކާރުގެ މަގާމްތަކާއި ސަރުކާރުން ވަކި ޕޯޝަނެއް ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ޑިމޮކްރެޓްސްގެ ސިޔާސަތުތައް ތަންފީޒުކުރާނެ ބަޔަކާއެކީ ކުރިޔަށް ދިޔުމެވެ.
އެ ޕާޓީ ގަބޫލުކުރާ އެންމެ މުހިންމު އެއް ސިޔާސަތެއް ކަމަށް މެންބަރުން ބުނަމުން އައީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި މިހާރު ޑިމޮކްރެޓްސްގައި އިސްކޮށް މަސައްކަތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ވަކާލާތުކުރައްވާ ކަމެކެވެ. ނިޒާމީ ވޯޓުގެ ހުށަހެޅުން ޑިމޮކްރެޓްސް އިން ހާމަކޮށްފައި ވާއިރު ރިޔާސީ އިންތިހާބުގައި ދެ ވަނަ އަށް ދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ މަޝްވަރާކުރައްވަމުންނެވެ.