މުޢިއްޒު ހޮވުމަށް ކޮންމެ މަސައްކަތެއްވެސް ކުރާނެކަމަށް ވިދާޅުވެ ނާޒިމްގެ ޝުކުރު ރައީސް ޔާމީނަށް

މުޢިއްޒު ހޮވުމަށް ކޮންމެ މަސައްކަތެއްވެސް ކުރާނެކަމަށް ވިދާޅުވެ ނާޒިމްގެ ޝުކުރު ރައީސް ޔާމީނަށް

Author
އައިޝަތު އަޙްމަދު
12 ސެޕްޓެމްބަރ 2023 04:35
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ހޮވުމަށް ކުރެވެން އޮތް ކޮންމެ މަސައްކަތްތަކެއްވެސް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު އެމްއެންޕީގެ ކައުންސިލްގެ ލަފާގެ މަތިން އެޕާޓީން ނިންމީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާޢީދުކުރުމަށެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާޢީދުކުރުމަށް ނާޒިމާއި އެޕާޓީން ނިންމާފައި މިވަނީ އެމްޑީޕީގެ. ރިޔާސީ ކެންޑިޑޭޓުވެސް ދަޢުވަތު ދެއްވާފައިވަނިކޮށެވެ.

ޕީޕީއެމް ޕީއެންސީއާއެކު އެމްއެންޕީން ހެދި ކޯލިޝަންގެ އެއްބަސްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވީ، ޑރ.މުހައްމަދު މުއިއްޒު ހޮވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށެވެ. އަދި ޕީއެންސީއާއި ޕީޕީއެމުން އެ ފުރުޞަތު އެމްއެންޕީއަށް ދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެކީގައި މަސައްކަތްކުރުމަށް ދެއްވި ފުރުޞަތަށް ނާޒިމް ވަނީ ރައީސް ޢަބްދުﷲ ޔާމީންއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ލޯބި އިސްކުރައްވާ ނާޒިމް އެމަނިކުފާނަށް ތާޢީދުކުަރއްވަން ނިންމެވި ނިންމެވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަސައްކަތުގައި އެހެން ޕާޓީތަކާއި ކެންޑިޑޭޓުނަށްވެސް ފުރުޞަތު އޮތްކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ ދެފަރާތުން ގުޅިގެން ރަނަގަޅު މަސައްކަތެއް ކުރެވި ރައްޔިތުންގެ ހައްގުގައި ކާމިޔާބުކުރެވޭނެކަމަށެވެ. މުޢިއްޒު ވަނީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް ބަހާއި ޢަމަލު ދިމާވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަށް 50 އިންސައްތަ ލިބިވަޑައިނުގަތުމުން ވަނީ ދެވަނަ ބުރެއް ބާއްވަން ޖެހިފައެވެ. 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި ޑރ.މުޢިއްޒާ ވާދަކުރައްވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާޒިމަށް ލިބިވަޑައިގަތީ 1915 ވޯޓެވެ. އެއީ 0.9 އިންސައްތައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފަތުހުﷲ
ނާޒިމމު އެއްބަސްވީ ޑިފެންސް މިނިސްޓަރުކަމާއި ޤައުމީ ޝަރަފު އަރުވައިދިނުމަށް. އައްޗީޑި