މިމަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އޮންލައިންކޮށް ރީ-ރެޖިސްޓްރީ ކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބު ވިދާޅުވީ ރީ-ރަޖިސްޓްރީވުމަށް، ފޯމު ފުރައިގެން އަދި އޮންލައިންކޮށްވެސް ފޯމު ހުށައެޅޭނެކަމަށެވެ.ރީ ރަޖިސްޓްރޭޝަނަށް މިމަހުގެ 16 އަދި 17ގައި ހުޅުވާލުމަށް މަސައްކަތްކުރާކަމަށް އީސީން ބުންޏެވެ.
ހަބީބު ވިދާޅުވީ މިމަހުގެ 30 އަށް 18 އަހަރު ފުރޭ ޒުވާނުންނަށްވެސް ދެވަނަބުރުގައި ވޯޓުލުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި އަލަށް ވޯޓުލެވޭ މީހުންގެ މަޢުލޫމާތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހޯދުމަށް ފަހު، ވަރަށް އަވަހަށް އާންމުކުރައްވާނެކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްޤުލިބިފައިވަނީ 282،395 މީހުންނަށެވެ. ވޯޓުލީ 225486 މީހުންނެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި މިއަދަދަށް ބަދަލުތަކެއް އަންނާނެއެވެ. ބަދަލު އެންމެ ބޮޑަށް އަންނާނީ އަލަށް 18 އަހަރު ފުރޭ މީހުންނާއެކު ލިސްޓަށް ގެެނެވޭ ބަދަލުންނެވެ. އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މިމަހުގެ 16 އަދި 17 ގައި ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމަށެވެ. އެއަށްފަހު އިންތިޚާބުގެ ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާއަށް ހުޅުވާލައި، ދާއިމީ ލިސްޓު ޢާންމު ކުރާނެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަނީ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނައިން ވޯޓު ލިބިވަޑައި ނުގެންނެވުމުންނެވެ. އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯއްދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ 101635 ވޯޓު ހޯދަވައި އިންތިޚާބުގެ %46 ހޯއްދަވާފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއަށް ލިބިވަޑައިގެންނެވީ 86161 ވޯޓެވެ. އެއީ %39 އެވެ.
ކޮމެންޓު ފޮނުވާ