މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ޞާލިޙް ފޮނުއްވި ސިޓީ ލީކްވެއްޖެ

މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ޞާލިޙް ފޮނުއްވި ސިޓީ ލީކްވެއްޖެ

Author
ހުސެއިން
11 ސެޕްޓެމްބަރ 2023 07:10
0

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސާލިހު ފޮނުއްވި ސިޓީ ލީކު ވެއްޖެއެވެ. މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީއަކީ ސައްޙަ ސިޓީއެއްކަން ރައީސް އޮފީހުގެ ތަރުޖަމާ މިއުވާން ވަނީ "ޚަބަރު އޮންލައިން" އަށް ޔަގީން ކޮށްދީފައެވެ.

މިއުވާން ވިދާޅުވީ ސިޓީ ލީކުވި ގޮތެއް ސަރުކާރުން ބަލަމުން ދާކަމުގައެވެ.

މިހާރު ލީކު ކޮށްލާފައިވާ, މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސާލިހު ފޮނުއްވި ސިޓީ

ފާއިތުވި 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 22 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް އެޑްރެސްކޮށް ރައީސް ސާލިހު ފޮނުއްވާފައިވާ މި ސިޓީގައިވަނީ، އެމަނުކުފާނާއި މޮރިޝަސްގެ ބޮޑުވަޒީރާ ދެބޭފުޅުން އެއަހަރުގެ ޖޫންމަހުގެ 24 ވަނަ ދުވަހު ރުވާންޑާގެ ކިގާލީގައި ބޭއްވި ބައްދަލުވުމާއި ހަވާލާދެއްވާ، ޔޫއެންގެ އެޑްވައިޒަރީ އޮޕީނިއަންއާއި އެއްގޮތަށް ރާއްޖޭގެ ސްޓޭންޑް އެމައްސަލާގައި ބަދަލު ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޔޫއެންގެ އެގަރާރަށް ރާއްޖެއިން ތާއީދުކޮށް ޔޫއެންގައި ގަރާރާ އެއްކޮޅަށް ވޯޓު ދެއްވާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

މި ސިޓީގައި ރައީސް ސާލިހު އިތުރަށް ވިދާޅުވެފައިވަނީ، ޑީކޮލޮނައިޒޭޝަންގެ (އިސްތިއުމާރީ ބާރުތަކާއި ދެކޮޅު) ސިޔާސަތަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާ ސިޔާސަތެއް ކަމަށާއި، އޭގެ ސަބަބަކީ، އިންސާނީ ހައްގުތަކާއި އަމިއްލަ މިނިވަންކަމަށް ރާއްޖެއިން އަބަދުވެސް އިހުތިރާމް ކުރާތީ ކަމުގައެވެ. އަދި ރާއްޖެއިން ފާއިތުވެދިޔަ ތަނުގައި ޔޫންއެންގައި އަދާކޮށްފައިވާ ދައުރަކީ މީގެ ހެއްކެއްކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މި ސިޓީގައި ރައީސް ސާލިހު އިތުރަށް ވިދާޅުވެފައިވަނީ، މީގެ ކުރިން ރާއްޖެއިން މިމައްސަލާގައި ދެކޮޅު ހަދަމުން އައީ، 2010 ވަނަ އަހަރުގެ ޖުލައިމަހު ރާއްޖެއިން ކޮމިޝަނަށް ހުށަހެޅި ކޮންޓިނެންޝަލް ޝެލްފްގެ އިންތަކާއި މޮރިޝަންސްއިން ދެކޮޅު ހެދުމުގެ ސަބަބުން ކަމަށާއި، ރާއްޖެއިން ޖެނެރަލް އެސެމްބްލީގައި ދީފައިވާ ވޯޓުތަކުގައިވެސް އޭގެ ތަފްސީލްތައް މީގެ ކުރިން ހާމަކޮށްފައިވާނެކަމަށެވެ.

އެހެންނަމަވެސް، މި މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ކުރުމާއެކު އެމައްސަލައަށް ހައްލެއް އަންނާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ، މިނިންމުމުގެ ސަބަބުން، ރާއްޖެއިން ދަމަހައްޓަމުން އަންނަ "ޑިކޮނޮލައިޒޭޝަން"އާއި ދެކޮޅު ސިޔާސަތަށް އިތުރަށް ބާރު ލިބިދީ، އަދި މޮރިޝަސްއާއި ދެމެދު އޮތް ގުޅުމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.

އަދި ސިޓީގައި ވިދާޅުވެފައިވަނީ ސަރުކާރުގެ މި ނިންމުމަކީ އިޓްލޮސްގައި ރާއްޖެއިން ނަގާފައިވާ ޕޮޒިޝަނަށް އެއްވެސް އަސަރެއް ކުރާނެ ނިންމުމެއް ނޫންކަމަށާއި، އޭގެ އިތުރުން 2010 ވަނަ އަހަރު ރާއްޖެއިން "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެޓްޝަލް ޝެލްފް" ހުށަހަޅާފައިވާ ހުށަހަހެޅުމަށްވެސް އަސަރެއް ކުރާނެ ނިންމުމެއް ނޫން ކަމުގައެވެ.

އަދި ޔޫއެންގައި ރާއްޖެއިން ދޭ ވޯޓުގައި މި ތަފްސީލުތައް މި ގޮތުގެ މަތިން ހާމަކުރައްވާނެކަމަށްވެސް ރައީސްގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ސިޓީގައި ހާމަކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، މިއީ މީގެ ކުރިން މިމައްސަލާގައި ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުކަންވެސް ފާހަގަ ކުރެވެއެވެ. އެގޮތުން ސަރުކާރުން މިހާތަނަށް ބުނަމުން އައިސްފައިވަނީ ސަރުކާރުން މި ސިޓީ އާންމު ކޮށްފައި ނުވަނީ، ދޭދޭ ގައުމުތަކުގެ ވެރިންގެ މެދުގައި ބަދަލުކުރެވޭ މިފަދަ ސިޓީތައް އާންމުކޮށް "ޕަބްލި ޑޮމެއިން"އަށް ލުމަކީ ޑިޕްލޮމަސީއާއި ޚިލާފު، އަދި ކުރިޔަށް އޮތް ތަނުގައި ގައުމަތަކުގެ ވެރިންނާއެކީ ރާއްޖެއިން ދަމަހައްޓަންޖެހޭ މުއާމަލާތުތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަކަށް ވާތީ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.