ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް ކުރަންޖެހޭ މަސައްކަތުގައިި ދެމި އޮންނާނަން: ޖޭޕީ

ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް ކުރަންޖެހޭ މަސައްކަތުގައިި ދެމި އޮންނާނަން: ޖޭޕީ

Author
މުޙައްމަދު ޝަޒައިމް
11 ސެޕްޓެމްބަރ 2023 05:00
0

ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައިވަނީ މިއަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރައްވައި ކާމިޔާބީ ޙާޞިލް ކުރެއްވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ބަޔާނުގައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ޤައުމުގެ އިޞްލާހަށާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ޤައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިޤްތިޞާދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ޖުމްހޫރީ ޕާޓީ ދެމިއޮންނާނޭ ކަމަށެވެ.

އަދި މިވަގުތު ޤައުމުގެ މަޞްލަޙަތަށްޓަކައި އިންތިޚާބުގެ ދެވަނަ ބުރާ ދޭތެރޭ ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ވަރަށް އަވަހަށް އިޢުލާން ކުރާނޭ ކަމަށްވެސް މިބަޔާނުގައި ހާމަކޮށްފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ބަޔާނުގައިވަނީ މިއިންތިޚާބުގެ ފުރަތަމަ ބުރުގައި އެޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށާއި، އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. އަމީން އިބްރާހީމަށް ތާއީދު ކުރައްވައި ވޯޓުދެއްވި ހުރިހާ ފަރާތްތަކަށާއި، ކެންޕޭނުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ 5,460 ވޯޓެވެ. މިއީ މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް އެންމެ މަދުން ވޯޓުލިބުނު ފަހަރުވެސްމެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.