ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ދިވެހި ރައްޔިތުން ފުރަތަމަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މިއިއްޒުއަށް ދެއްވި ތާއީދު އިތުރުކޮށް ދެވަނަ ބުރުންވެސް މުއިއްޒު އިންތިޚާބު ކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިިގެންފިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއިއެކު މުއިއްޒުވަނީ އިންތިޚާބު މިސަރުކާރުގެ މައްޗަށް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައެވެ. ފުރަތަމަ ބުރުގައި މުއިއްޒުވަނީ ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. މިއީ ރިޔާސީ އިންތިޚާބެއްގެ ފުރަތަމަ ބުރުގައި އެއްކެންޑިޑޭޓަށް މިހާ ގިނަ ވޯޓު ލިބުނު ފުރަތަމަ ފަހަރެވެ.
ދިވެހި ރައްޔިތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑރ. މުއިއްޒަށް ދެއްވި ތާއީދަށް ރައީސް ޔާމީން ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ދެވަނަ ބުރުގައި ޑރ. މުއިއްޒަށް އިތުރު ތާއީދު ދެއްވައި އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކޮށްދެއްވުމަށް ރައީސް ޔާމީން ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ރައީސް ޔާމީން ވަނީ މިއީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭރުކޮށް ދިވެހިންގެ ދިވެހިރާއްޖެ ހޯދުމަށް ރައްޔިތުންގެ ނިންމުން ނިންމަންވީ ފަހަރުކަމަށެވެ.
ރައީސް ޔާމީނުގެ ވެދުން ދިވެހި ރައްޔިތުންނަށް! ޑރ. މުއިއްޒުއަށް ތިބޭފުޅުންގެ އިތުރު ތާއީދު ދެއްވައި، ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ. މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮފުރުސަތެއް.
– ޑރ.ޖަމީލް މެދުވެރިކޮށް ރައީސް ޔާމީން ފޮނުވި މެސެޖުގައި ވިދާޅުވިއެވެ.
އިންތިޚާބުގައި ބެހެއްޓުނު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން 46.15 އިންސައްތަ ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒުއަށް 101453 ވޯޓް ލިބިވަޑައިގެންފައިވެއެވެ. 39.09 އިންސައްތަ ވޯޓާއެކު ވަގުތީ ނަތީޖާއިން ދެވަނަ ލިބިވަޑައިގަންނަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. އެމަނިކުފާނަށް 85920 ވޯޓް ލިބިވަޑައިގެންނެވިއެވެ.
ވަގުތީ ނަތީޖާއިން 3 ވަނަ ލިބޭނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އަދި 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާޙީމެވެ. ވަގުތީ ނަތީޖާއިން 6 ވަނަ ލިބެނީ އަމިއްލަގޮތުން ވާދަކުރެއްވި ފާރިސް މައުމޫނަށެވެ. އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި އަމިއްލަގޮތުން ވާދަކުރެއްވި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.
މިއަދު އޮތް އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިވަޑައިގެންފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.