ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތު ތަކުގައި އެންމެ އިސްކަން ދީފައިވާނީ އެންމެ ނިކަމެތި މީހުންނަށް ކަމަށާއި، އެއާއިއެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލިބެންޖެހޭ ހައްގު މިންވަރު ކަށަވަރު ވެގެންދާނެކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީން ކުރި ވަރުގަދަ ކެމްޕޭންގައި ރައްޔިތުން އެންމެ ބޮޑަށް ބަލައިގެންފައިވަނީ ޑރ. މުއިއްޒު ރައްޔިތުންނަށް ހުށަހެޅުއްވި ތަސައްވަރަށެވެ. މުއިއްޒުގެ މެނިފެސްޓޯގައި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ބޭނުންވާ ކަންކަން ހައްލު ކޮށްދޭނެ ގޮތްތަކާއި ތަސައްވަރު ވަނީ ހުށަހަޅުއްވާފައެވެ. އަދި އެކަންކަން ކުރާނެ ގޮތާއި ހަގީގަތަކަށް ހަދާނެ ގޮތްވެސް ވަނީ ހުށަހަޅުއްވާ ދެއްވާފައެވެ.
މުއިއްޒުގެ މެނިފެސްޓޯގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ އެންމެ ނިކަމެތި މީހުންނަށެވެ. މިކަމުގެ ބޭނުމަކީ ނިކަމެތިންގެ ހާލަތު ރަނގަޅުކޮށް ޤައުމުގެ ފުދުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުމެވެ. ޝިޔާމް ވިދާޅުވީ މުއިއްޒުގެ ތަސައްވަރުގައި ނިކަމެތިން އިސްކޮށް ޤައުމުގެ ހުރިހާ ރައްޔިތުންނަށް ހައްލު ލިބޭނެ ފުރިހަމަ ތަސައްވަރެއް ހުށަހަޅުއްވާފައިވާކަމަށެވެ. އޭގެ ތެރެއިންވެސް ބޯހިޔާވަހިކަން އެންމެ ނިކަމެތި މީހާއަށްވެސް ކަށަވަރުވާ ގޮތަށް އޮތް އޮތުމަކީ ލިބޭ ބޮޑު އުފަލެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ދިވެހިންގެ ކެނޑިޑޭޓް ޑރ.މުއިއްޒުގެ ބޯހިޔާ ވަހިކަމުގެ ސިޔާސަތުން އެންމެ ނިކަމެތި ޢާއިލާއަށްވެސް ހައްލު އެބަލިބޭ. ޑރ.މުއިއްޒުގެ ޒަޢާމަތަކީ ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރިކަން ކަށަވަރު ކޮށްދޭނެ ޒަޢާމަތެއް.
– ޝިޔާމް ވިދާޅުވިއެވެ.
މުޢިއްޒުގެ މެނިފެސްޓޯގައި ވަނީ، ކުރިއަށް އޮތް 20 އަހަރަށް ޢަމާޒުކޮށް 65000 ގެދޮރު ޔަގީންކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ޤާނޫނުން ލިބިދޭ ބޯހިޔާވަހިކަމުގެ ޙައްގުގެދަށުން، އަމިއްލަ ބޯހިޔާވަހިކަން ނެތް އެއްވެސް ރައްޔިތެއް ނެތްކަން ކަށަވަރުކުރައްވާނެކަމަށް ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ މި ސަރުކާރުގެ ގޯތި ލިސްޓުގައި ތިބި މީހުންނަށްވެސް، ލިސްޓު އުވާނުލާ ގޯތި ލިބޭނެކަން ކަށަވަރުކުރައްވާނެކަމަށެވެ. އަދި މީގެތެރެއިން ބިން ލިބި ގޯތި އެޅޭނެ މާލީ ތަނަވަސްކަން ނެތް މީހުންނަށް، އެމަނިކުފާނުގެ ސަރުކާރުގައި ޚާއްސަ ސްކީމެއްގެ ތެރެއިން ގޯތި އެޅޭނެ ގޮތް ހަމަޖައްސަވާދެއްވާނެ ކަމަށް ވިދާޅުވެއެވެ.
މީގެއިތުރުން، 2018ވަނަ އަހަރު ހިޔާ މަޝްރޫޢުގެ ލިސްޓުގައި ހިމެނި، ފްލެޓް ނުދީ ތިބި މީހުންނަށް ގޯތި ކަށަވަރުކޮށްދެއްވުމަށް މެނިފެސްޓޯގައި ހިމަނުއްވާފައިވެއެވެ.
މުޢިއްޒު ވިދާޅުވީ "ފުށިދިއްގަރު" ފަޅު ހިއްކާ އެމަޝްރޫޢުވެސް ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން އެފަޅުން 1280 ހެކްޓަރު ހިއްކާ 11000ގޯއްޗާއި، 26000އަށްވުރެ ގިނަ ފްލެޓް ދޫކުރައްވާނެކަމަށެވެ. އަދި މިސަރަޙައްދު ބްރިޖުންނާއި، ހައި ސްޕީޓް ފެރީން ގުޅާލައްވާނެކަމަށެވެ.
މީގެއިތުރުން މާލޭގައި ހުންނަ ސިނަމާލެ، މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުރި ސިނަމާލެ ފްލެޓްތައް ތަޅާލާ، އާފްލެޓްތަކެއް އަޅާދެއްވުމަށް މުއިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ. އަދި ވިލިމާލޭގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރެއްވުމަށްވެސް މެނިފެސްޓޯގައި ހިމަނުއްވާފައިވެއެވެ. މީގެއިތުރުން މާލޭގެ ބޭނުން ނުހިފާ ހުރި ބިންތައް ހުސްކޮށް، 2000 ހައުސިން ޔުނިޓް ޤާއިމުކުރެއްވުމަށާއި، އަތޮޅުތަކުގައި ހަައުސިން މަޝްރޫޢުތައް ހިންގެވުމަށްވެސް މެނިފެސްޓޯގައި ހިމަނުއްވާފައިވެއެވެ.