ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އާޓްސްއިން ދޭ ޝަރަފުވެރި 'ޑީންސް އެވޯޑު' ތަޢުލީމީ ގޮތުން ފާހަގަކޮށްލެވޭ މަތީ ނަތީޖާ ހޯދި 4 ނޫސްވެރިއަކަށް ދީފިއެވެ.
ޑީންސް އެވޯޑަކީ ކޮންމެ ސެމިސްޓާއެއްގައިވެސް ތަޢުލީމީ ގޮތުން އެންމެ މަތީ ނަތީޖާ ހޯދާ އަދި އެންމެ ރަނގަޅު ފެންވަރު ހިފަހައްޓާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ. މި ސެމިސްޓާގައި މި އެވޯޑު ހާސިލުކުރި ހަތަރު ނޫސްވެރިންނަކީވެސް ބެޗެލަރ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކިޔަވަމުންދާ ދަރިވަރުންނެވެ.
މި އެވޯޑު ލިބުނު ނޫސްވެރިންގެ ތެރޭގައި ހިމެނެނީ 'ދަ ވޮއިސް' ގެ ޗީފް އެޑިޓަރު ޝަފްރާޒް އަޙްމަދު ޙުސައިން އާއި، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ އާމިނަތު ޝާޒިޔާ އަދި ޝިފްނާ އަޙްމަދުގެ އިތުރުން 'އަދަދު' ނޫހުގެ ލީވާން ޢަލީ ނަޞީރެވެ.
މި އެވޯޑުތައް ހަވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހު އެމްއެންޔޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ދަރިވަރުންނަށް ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ.
މި އެވޯޑަކީ މި ނޫސްވެރިން ތަޢުލީމީ ގޮތުން ހޯދަމުންދާ ކާމިޔާބީތަކާއި، މީޑިއާގެ ދާއިރާއަށް ކުރަމުންދާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ލިބިގެންދިޔަ މުހިންމު ކާމިޔާބީއެކެވެ.
ކޮމެންޓު ފޮނުވާ