އެމެރިކާއާއި އީރާނުގެ ޙަމަލާތައް އަލުން ފެށުމާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވެއްޖެ

އެމެރިކާއާއި އީރާނުގެ ޙަމަލާތައް އަލުން ފެށުމާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވެއްޖެ

Author
އަހުމަދު
11 ޖޫން 2026 11:41
0

އެމެރިކާއާއި އީރާނާ ދެމެދު އަލުން ޙަމަލާ ބަދަލުކުރަން ފެށުމާ ގުޅިގެން، ޙަމަލާތައް ވަގުތުން ހުއްޓާލައި މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް ދުނިޔޭގެ ޤައުމުތަކުން ގޮވާލައިފިއެވެ.

މި ޙަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވެ، މުޅި ސަރަޙައްދުގެ ސުލްޙައާއި އަމާންކަން ގެއްލުމުގެ އިތުރުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަތުވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. މިކަމާ ގުޅިގެން ތުރުކީވިލާތުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ޤައުމުގެ ޚާރިޖީ ވަޒީރު ހަކާން ފިޑާން ވިދާޅުވީ މި ހަމަނުޖެހުންތައް އިތުރު ސަރަޙައްދުތަކަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން އެބައޮތް ކަމަށެވެ. ހަމައެހެންމެ، ޗައިނާއާއި ރަޝިޔާއިންވެސް ވަނީ އަސްކަރީ ފިޔަވަޅުތައް އެޅުން ހުއްޓާލައި، ޤައުމުތަކުގެ އިސްތިޤްލާލަށް އިޙްތިރާމްކުރުމާއެކު މަޝްވަރާގެ މަގު އިޚްތިޔާރުކުރުމަށް ގޮވާލާފައެވެ. އަދި މިދިޔަ އޭޕްރީލް މަހު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް ޤާއިމުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުންވެސް ވަނީ ސުލްޙަވެރި ޙައްލެއް ހޯދުމަށް ބާރުއަޅާފައެވެ.

މި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި، ފާއިތުވި ހަފްތާގެ ތެރޭގައި އެމެރިކާއިން ވަނީ އިންޑިޔާގެ ފަޅުވެރިން މަސައްކަތްކުރާ ޓޭންކަރުތަކަކަށް އަމާޒުކޮށް ތިން ޙަމަލާއެއް ދީފައެވެ. މި ޙަމަލާތަކުގައި އިންޑިޔާގެ ތިން ރައްޔިތަކު މަރުވެފައިވުމާއެކު، އިންޑިޔާއިން ވަނީ އިންތިހާއަށް ނުރުހުން ފާޅުކޮށް، ޝިޕިންގ ދާއިރާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް އެމެރިކާއަށް ގޮވާލާފައެވެ. އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ސުލްޙައަށް ގޮވާލައްވާފައިވާއިރު، މި ޙަމަލާތަކާ ގުޅިގެން އިންޑިޔާ ސަރުކާރުން ވަނީ އެ ޤައުމުގައި ހުންނަވާ އެމެރިކާގެ ސަފީރުވެސް ޚާރިޖިއްޔާއަށް ހާޒިރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.