އިންޑިއާ ސަރުކާރުން ރާއްޖޭގެ ސިއްހަތާ ބެހޭ ވުޒާރާއަށް ބޮޑު ސިއްހީ އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނާ ޖީ. ބަލަސުބްރަމާނިއަމް ވަނީ ހިމަބިހި ވެކްސިންގެ 20 ހާސް ޑޯސް އަދި ތިން ޓަނުގެ މެޑިކަލް ސާމާނު ހަވާލުކޮށްދެއްވާފަ އެވެ. މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީ އެވެ.
ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި އެމްއާރް ވެކްސިން، ހިމަބިހި ޓެސްޓުކުރުމަށް ބޭނުންވާ ސާމާނު، އަދި ހިމަބިހި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ސާމާނު ހިމެނެ އެވެ. މި ދުވަސްވަރު ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ، މި ހަދިޔާ ވަނީ ވަރަށް ބޮޑު ލުޔެއްކަމުގައި ސިއްހީ ދާއިރާ ސިފަކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ