އިންތިޚާބަށް 285،219 ވޯޓު ކަރުދާސް ޗާޕުކުރި

އިންތިޚާބަށް 285،219 ވޯޓު ކަރުދާސް ޗާޕުކުރި

Author
އައިޝަތު އަޙްމަދު
07 ސެޕްޓެމްބަރ 2023 02:03
0

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް 285،219 ވޯޓު ކަރުދާސް ޕްރިންޓް ކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައިވާކަމަށެވެ. އެކޮމިޝަނުން ބުނީ ވޯޓު ކަރުދާސްތައްވެސް ޕްރިންޓްކޮށް ނިމިފއިވާކަމަށާއި، ވޯޓު ކަރުދާސްތައް ޕްރިންޓްކުރީ ނޮވެލްޓީންކަމަށެވެ.

އީސީން ބުނީ ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވުމުގެ ކަންކަން ކުރިއަށްދާކަމަށެވެ. އެގޮތުން ދެތިން ރަށް ފިޔަވައި ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި، އިންތިޚަބަށް ބޭނުންވާ ތަކެއްޗާއި ސެކިއުރިޓީ ސާމާނު ފޮނުވާކަމަށް އީސީން ބުންޏެވެ.

އަދި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ޤައުމުތަކަށްވެސް އޮފިޝަލުން ފުރަމުން އަންނަކަމަށްވެސް އީސީން ބުންޏެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ލަންޑަނާއި މެލޭޝިއާއަށް އޮފޮޝަލުން އިއްޔެ ފުރާފައިވާއިރު، އިންޑިއާ، ސްރީލަންކާ ޔޫއޭއީގެ އަބޫދާބީއަށް މިއަދު އޮފިޝަލުން ފުރާނެކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ މިފަހަރުގެ ރިޔާސީ އިންތިޚާބަށް 285،219 ވޯޓު ކަރުދާސް ޗާޕުކުރިކަމަށެވެ.

ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ. އެއީ ޤާނޫނުގައި އެކަން ހަމަޖެހިފައި އޮންނަ ގޮތެވެ. އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި ޝަކުވާތަކާއި، ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާތަކަށްފަހު ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް ޢާންމު ކުރެއްވިއިރު ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އަލަށް 27000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

އަންނަމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރައްވާ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.