ރިޔާސީ ކެމްޕޭންގައި ކަނޑައެޅިގެން އެންޓި ކެމްޕޭންކޮށް، އަބުރު ކަތިލައި ހަގީގަތާއި ޚިލާފް ކިތަންމެ ވާހަކައެއް ދެއްކެވި ނަމަވެސް އެވާހަތަކަށް ރައްދުދޭން ބޭނުން ނުވާކަމަށާއި، އެއަށްވުރެ ޤައުމުގައިި ހުރި މައްސަލަތަކާއި ކުރިމަތިލައި އެކަންކަން ހައްލު ކޮށްދެއްވާނެ ގޮތް ރައްޔިތުންނަށް ހުށަހެޅުން މާ މުހިންމު ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގެ އެކި ހަރަކާތްތަކުގެ ތެރެއިން މިރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި ޢާންމު މީހަކު ވަނީ މިއިންތިޚާބުގައި މުއިއްޒުއާއި މުއިއްޒުގެ ޢާއިލާއަށް ނިސްބަތްކޮށް ދައްކަމުންދާ ވާހަތަކަށް ރައްދު ނުދެއްވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. މިސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އެވާހަކަ ދައްކަވާ ބޭފުޅުންނަކީ ކޮން ބައެއްކަމާއި، އެބޭފުޅުން އެދައްކަވަނީ އެއްވެސް ހަގީގަތެއް ނެތް ހުސް ދޮގުކަން ދިވެހި ރައްޔިތުންނަށް ސާފުވާނެކަމަށެވެ. އެކަންކަމަށް ވަގުތު ހޭދަ ކުރެއްވުމަށްވުރެ މިއީ ޤައުމުގެ ހާލަތު އޮތް ގޮތުން މާސީރިެއަސް ކަމާއިއެކު މިނިވަންކަން ދިމާފައުކޮށް ޤައުމުގައި ހުރި މައްސަލަތަކާއި ކުރިމަތިލާންޖެހޭ ވަގުތެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު ގަބޫލު ކުރާ ހަމައެއް ނޫން ހަގީގަތާއި ޚިލާފް ވާހަކަ ދެއްކުމުން އެކަމަށް ރައްދުދީ ޖަވާބު ދިނުމަކީ. އިންސާނެއް ވިއްޔާ ކަރާމާތެއް އޮންނާނެ. އެވާހަކަ ދައްކާ މީހުންގެ ލެވެލްއަކަށް ނުދާނަން. އަޅުގަނޑު ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަމާއި ކޮށްފާނެ ކަންކަން އަޅުގަނޑަށް އަޅުގަނޑުގެ ނަފްސަށް އެނގޭ. ދިވެހި ރައްޔިތުންނަށް އަޅުގަނޑު ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން ސާފުވާނެ. އަދި އެވާހަކަ ދައްކާ މީހުންގެ ގޮތް އެނގޭނެ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެން ރައީސް ޔާމީން މިނިވަން ކުރުމަކީ އެންމެ ފުރަތަމަ ކުރައްވާނެ ކަންތައް ކަމަށެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ސީދާ ރައީސް އޮފީހުގެ ނުފޫޒުގެ މައްޗަށް ކޮށްފައިވާ ހުކުމެއްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ރައީސް އޮފީހާއި ހަވާލުވާ ހިސާބުން އެނުފޫޒު ނިމުމަކަށް ގެންނާނެކަމަށެވެ.
އެންމެ ފުރަތަމަ ކުރާނެ ކަމަކީ ރައީސް ޔާމީން މިނިވަން ކުރުން. ވެރިޔަކަށް ހުންނަ މީހާއަށް ކުރެވޭނެ ކަމެއް ޖަލުގައި ހުންނަ މީހަކު ގެއަށް ބަދަލު ކުރުން. ރައީސް ޔާމީން ހުންނެވީ ސިޔާސީ ނުފޫޒުގެ ތެރެއިން ކުރެވުނު ހުކުމެއްގައި. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ރައީސް ޔާމީނާއި ބެހޭވެސް އަދި ނުވެސް ގުޅޭ ހުކުމެއް ކޮށްފަ ވަނީ. މިއީ ރައީސް އޮފީހުން ވަރުގަދައަށް ވަދެފަ އޮތްކަމެއް. އަޅުގަނޑު އެއޮފީހާއި ހަވާލުވާ ދުވަހު އެސިޔާސީ ނުފޫޒު ޖޭއެސްސީއަށް އޮތް އޮތުން ނިމުމަކަށް ގެންނާނަން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިސަރުކާރުން ކިތަންމެ ވަރަކަށްވެސް ޤާނޫނާއި ގަވާއިދާއި ޚިލާފް ވެފައިވާކަމަށެވެ. މިސަރުކާރަށް އިތުރަށް ޖާގަދީ ޤާނޫނީ އިމުން ކަންކަން ކުރަން ފުރުސަތު ދިނުމަކީ ދިވެހި އެއްވެސް ރައްޔިތަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.