ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ޖަމާކޮށްދިން އެއް މިލިއަން ޑޮލަރަކީ ކުށުގެ ފައިސާކަން ނޭނގޭ ކަމަށާއި އެ ފައިސާ ދޮންނަން ނުވަތަ މަނީލޯންޑަކުރަން ވެގެން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ޔާމީން މިއަދު ޝަރީއަތުގައި ވިދާޅުވެއްޖެއެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި އެ މައްސަލާގައި ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވައިފައެވެ. އެ ހުކުމް އެ ދެ ބޭފުޅުން ފަރާތުން ވަނީ އިސްތިއުނާފް ކޮށްފައެވެ.
ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފީ 13 ނުކުތާއެއް ހުށަހެޅުއްވިއެވެ. އެއިން މަނީ ލޯންޑަރިންގެ ކުށް މާނަކުރި ގޮތުގެ ނުކުތާ ފިޔަވައި ދެން ހުރި ނުކުތާތަކީ މީގެ ކުރިން ރިޝްވަތުގެ ދައުވާއަށް ވެސް ހުށަހެޅުއްވި ނުކުތާތަކެވެ. އެހެންވެ މިއަދު ވާހަކަ ދައްކަން ފުރުސަތު ދިނީ މޯނީ ލޯންޑަރިން މާނަކުރުމުގެ ނުކުތާއަށެވެ.
ޔާމީންގެ ވަކީލުން އެ ނުކުތާ ތަފުސީލުކޮށްދެއްވައި ނިންމެވުމުން އެމަނިކުފާނު ވެސް އެ ނުކުތާގައި ވާހަކަ ދެއްކެވުމަށް ފުރުސަތަކަށް އެދިވަޑައިގަތެވެ. އެ ފުރުސަތުގައި ޔާމީން އަނެއްކާ ވެސް ތަކުރާރު ކުރެއްވީ އާރަށު މުއާމަލާތުގެ އެއްވެސް ކަމަކީ އެމަނިކުފާނުގެ އެނގުމުގައި ހިނގި ކަންކަމެއް ނޫން ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅެވެ.
އާރަށް ނަގަން ރައީސް އޮފީހަށް ސިޓީއެއް ވަން ކަމެއް، ވަކި މީހަކަށް އާރަށް ދޭން އުޅޭ ކަމެއް، މިއީ އަޅުގަނޑުގެ ނޮލެޖްގައި (އެނގުމުގައި) ހުރި ކަންކަމެއް ނޫން. ފުލުހުން ތަހުގީގަކަށް ބޭނުންވެއްޖެނަމަ ލިބޭ. އެހެންވީމަ މަނީ ލޯންޑާކުރަން ބޭނުންވާ މީހަކު ހަގީގަތުގައި ދިވެހިރާއްޖޭގެ އެކައުންޓަކަށް، ބޭންކަށް ފައިސާއެއް ނުލާނެ.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެ މައްސަލާގައި ލިބިވަޑައިގަތް ފައިސާ ހޮންކޮންގް އެންޑް ޝަންގްހާއީ ބޭންކް (އެޗްއެސްބީސީ) ގެ އެކައުންޓެއްގައި ބެހެއްޓުމަށްފަހު އެ ބޭންކް ބަންދު ކުރަން ނިންމުމުން އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޖަމާ ކުރުމަކީ ފައިސާ ލޯންޑާ ކުރުން ނޫން ކަމަށެވެ. އަދި މީހަކު އޭނާގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޖަމާ ކުރުމަކީ ފައިސާގެ އަސްލު އޮޅުވާލުން ނޫން ކަމަށާއި އަދި އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އަދިވެސް ބޭންކުގައި ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަ ކުރެއްވި އަނެއް ކަމަކީ ފައިސާގެ އަސްލު އޮޅުވާލުމުގެ ނިޔަތް އޮވެގެން ކަމެއް ކުރާނަމަ، ފައިސާ ޖަމާކުރަމުން ދާނީ އަސްލު ސާފުނުވާ އެކައުންޓްތަކަކަށް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ބޭންކިން އަދި މާލީ ނިޒާމު ހަރުދަނާކަމުން ލިބޭނެ ފުރުސަތެއް ވެސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަނީ ލޯންޑާކުރަން ބޭނުންވާ މީހަކު އަމިއްލަ އެކުންޓަކަށް، އަދި އަމުދުން ރާއްޖޭގައި ހުޅުވާފައި އޮންނަ އެކައުންޓަކަށް ފައިސާ ޖަމާއެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ. "ބެންކިން ނިޒާމުގެ ތެރެއިން ހިންގާ ކަންކަމުގައި ރާއްޖޭގައި ކޮންސީލެއް ނުކުރެވޭނެ.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައީސް އޮފީހުން ފޮނުވި ސިޓީގައި ވެސް ޔޫސުފް ނައީމްގެ ކުންފުންޏަށް ދޭން އަންގާފައި ނުވާ ކަމަށެވެ. އެހެންވެ، އެރަށް ޔޫސުފް ނައީމަށް ލިބުމާއި އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާއާ ނުގުޅުވޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އެ މުއާމަލާތް ހިނގިއިރު ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށާއި އެހެންވެ، އެ ޕާޓީގެ ފައިސާއާ ގުޅޭ ކަންކަމުގައި އޭރު އެމަނިކުފާނުގެ ދައުރެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ ސިޔާސީ ކެމްޕެއިނަށް ހޯއްދެވި ފައިސާއެއް ކަމަށް ވިދާޅުވިއެވެ.
ދައުލަތުން ބުނީ ރައީސް ޔާމީންގެ ބޭނުންކުރާ އެކައުންޓްތައް ހުއްޓާ އެ ފައިސާ ޖަމާކުރީ ބޭނުން ނުކޮށް ހުރި އެކައުންޓެއް އެކްޓިވް ކުރުމަށްފަހު އެ އެކައުންޓަށް ކަމަށެވެ. އަދި އެއަށްފަހު އެހެން އެކައުންޓްތަކަށް އެ ފައިސާ ފޮނުވާފައިވާ ކަމަށާއި އަދި އެ ފައިސާއާ ބެހޭގޮތުން ޔޫސުފް ނައީމާއި ޔާމީންގެ ފަރާތްޕުޅުން ބޭންކަށް ދެއްވި މައުލޫމާތު ދިމާނުވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ތަހުގީގު މަރުހަލާގައި ވެސް ދެ ބޭފުޅުން ހަނު ހުންނެވީ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އެއީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް ބުނި ނަމަވެސް އޭގެ ބަދަލުގައި ދިވެހި ރުފިޔާ ދިން ގޮތެއް އެނގޭނެ ހެއްކެއް ނެތެވެ. އަދި ތަހުގީގު މަރުހަލާގައި އެ ދިފާއު ނަގާފައި ނެތުމުން އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ކަށަވަރު ނުކުރެވޭ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ހައި ކޯޓުން ފަހުން ބާއްވާނެއެވެ. ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.
ކޮމެންޓު ފޮނުވާ