ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، ރާއްޖޭގެ މިނިވަންކަން ނަގަހައްޓައި އަޅުވެތިކަމަށް ޖާގަ ނުދެވޭނެހެން މިސަރުކާރު ބަދަލުކޮށް މިނިވަންކަން ހިމާޔަތް ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް ގާއިމް ކޮށްދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން ޑރ. މުއިއްޒު އެދިވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕޭންގައި އަތޮޅުތެރޭގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ އެންމެ ފަހު މަންޒިލް ކަމުގައިވާ ކ.ތުލުސްދީގައި މިރޭ ބޭއްވި ޖަލްސާގައި ޑރ.މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހޮނިހިރު ދުވަހު ފާހަގަ ޖަހަން ލިބޭ ކަރުދާސް ކޮޅަކީ މިނިވަންކަމާއި ގުޅިފައިވާ ކަރުދާސް ކޮޅެއް ކަމަށެވެ. ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލައި، ބޭތުގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބެ، ސަލާމަތަށް ނުރައްކާ އޮތް އެތައް ކަމެއް ހިނގާއިރު މިޖާގަ އިތުރު ފަސް އަހަރަށް ދިނުމަކީ މިނިވަންކަން އަތުން ދިއުމަށް ދެވޭ ފުރުސަތަކަށް ވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ތަރައްޤީގެ ވާހަކަައަކީ ވަރަށް ފަސޭހަ ވާހަކައެއް. ނަމަވެސް މިނިވަންކަން ޔަގީން ކުރުމަކީ އެއަށްވުރެއް މާމުހިންމު ކަމެއް. ދިވެހިންގެ ދިވެހި ރާއްޖެ ހޯދުމަށް ހޮނިހިރު ދުވަހު ހުރިހާ ރައްޔިތުން އެއް އަޒުމެއްގައި މަސައްކަތް ކުރާނެކަމަށް އުންމީދުކުރަން. މިޤައުމު އޮތް ހާލަތު ސަލާމަތް ކުރުމަށް އެއްބުރުން މިއިންތިޚާބު ކާމިޔާބު ކުރުމަށް ކުރެވެން އޮތް މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދެން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވާ ގޮތުން މިނިވަން ކަމަށް އިންތިހާއަށް އަސަރު ކުރާކަމަށެވެ. ޕީޕީއެމް/ޕީޕީއެންސީގެ ވެރިކަމެއްގައި ޖާގަ ދޭނީ ދިވެހިންގެ މަސްލަހަތު އިސްކުރާ ފަރާތްތަކާއި ގާތް ގުޅުމެއް ބޭއްވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިނިވަންކަން ހިމާޔަތް ވާންޖެހޭނެ. އަޅުގަނޑުމެންގެ އިމުގެ ތެރޭގައި ދިވެހިންގެ ގޯތީގެ ވަށާފާރުގެ މަތިން އަރާ ސިފައިންނަށް ތިބެވިގެން ނުވާނެ. މިނިވަންކަން އަތުން ދޫކޮށްލައިގެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑުމެންގެ ސަރުކާރަކީ މިނިވަންކަން ހިމާޔަތްކޮށް، ޤައުމިއްޔަތު ރައްކާކުރާނެ ސަރުކާރެއް. ދިވެހި ބަހާއި، ޤައުމިއްޔަތާއި، ސަޤާފަތާއި އާދަކާދަޔަށް އިހުތިރާމް ކުރާ ޤައުމަކަށް މިޤައުމު ހަދާދޭނަން. އެއީ ވާހަކަވެސް ދެކެވޭނެ ކަމެއްނޫން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ މިސަރުކާރުން ފަށާފައި ހުރި އަދި ފަށާނެކަމަށް ބުނެ ދަޅަ ދައްކަމުންދާ މަޝްރޫއުތައް ހިމެނޭހެން އެއްވެސް މަޝްރޫއެއް ހުއްޓާ ނުލައި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ. މުއިއްޒު ވިދާޅުވީ މިސަރުކާރަށް ފަށައިގެން ފަސް އަހަރު ތެރޭ ނުނިންމުނު މަސައްކަތްތަކާއި އަދި ކުރަން ރާވާފައިވާ ކަންކަން ބާރު ސްޕީޑުގައި ކުރައްވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެއް ބުންޏަސް ރައީސް ޔާމީންގެ ތަރައްޤީއާއި މެދު ސުވާލު އުފައްދާނެ ރައްޔިތެއް މިޤައުމުގައި ނުހުންނާނެކަމަށެވެ.