ޤާސިމް ފުވައްމުލަކަށް ވަޑައިިގެން އަވަސްވެގަތީ ނައިބް ރައީސްގެ ބައްޕާފުޅާއި ބައްދަލު ކުރެއްވުމަށް!

ޤާސިމް ފުވައްމުލަކަށް ވަޑައިިގެން އަވަސްވެގަތީ ނައިބް ރައީސްގެ ބައްޕާފުޅާއި ބައްދަލު ކުރެއްވުމަށް!

Author
މުޙައްމަދު ޝަޒައިމް
04 ސެޕްޓެމްބަރ 2023 11:06
0

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ގައުމީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހީމް ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމްގެ ބައްޕާފުޅު އަހުމަދު ނަސީމްއާ މިރޭ ބައްދަލު ކުރައްވައިފިއެވެ.

ފައިސަލް ނަސީމްގެ ބައްޕާފުޅާއި ގާސިމް އިބްރާހީމް އަކީ ޒަމާންވީ ގާތް ދެ ރަހުމަތްތެރިންނެވެ. ގާސިމް މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެންފައިވާއިރު، އެ ރަށުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު ގާސިމް އެންމެ ފުރަތަމަ ވަޑައިގެންނެވީ އަހުމަދު ނަސީމާ ބައްދަލުކުރެއްވުމަށެވެ. ނަސީމާ ބައްދަލު ކުރެއްވުމަށް ގާސިމް ވަޑައިގެންނެވީ ފުވައްމުލަކުގައި ހުންނަ ނައިބު ރައީސްގެ ގެ ކޮޅަށެވެ.

އަހުމަދު ނަސީމްއަކީވެސް މީގެކުރިން ގާސިމްގެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާއިރު، ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރުކަން މީގެކުރިން ކުރެއްވި ގައިސަރަކީ ވެސް ނަސީމްގެ ދަރިއެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ރަނިން މޭޓުގެ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފައިސަލް ވާދަ ކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

ރައީސް ޞާލިޙާއެކު ދެވަނަ ދައުރެއް ފުރިހަމަ ކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރެއްވި ނަމަވެސް ރައީސް ޞާލިޙް ވަނީ އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށްވާ މުހައްމަދު އަސްލަމަށް ރަނިން މޭޓުކަން ދޭން ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.