ވޯޓު ލެވޭނީ ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކުން، ކުލަ ގަލަމަކުން ވޯޓުލައިފިނަމަ ބާޠިލްވާނެ: އީސީ

ވޯޓު ލެވޭނީ ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކުން، ކުލަ ގަލަމަކުން ވޯޓުލައިފިނަމަ ބާޠިލްވާނެ: އީސީ

Author
އައިޝަތު އަޙްމަދު
04 ސެޕްޓެމްބަރ 2023 01:50
0

ރިޔާސީ އިންތިޚާބުގައި ކަޅު ނުވަތަ ނޫކުލައިގެ ގަލަމުން ނޫން އެހެން ކުލައިގެ ގަލަމަކުން ލާ ވޯޓު ބާޠިލްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިންތިޚާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، އިންތިޚާބުގެ ސިއްރުކަން ގެއްލިދާނެ ހާލަތްތަކެއްކަމަށް ބުނެ ސިޔާސީ ބައެއް ޕާޓީތަކުން ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވާކަމަށާއި، އެކަމާއި ގުޅިގެން ޤައުމީ ލަފާދޭ ކޮމިޓީން ނިންމުންތަކެއް ނިންމާފައިވާކަމަށެވެ.

ހަބީބު ވިދާލުވީ ވޯޓަކީ ސިއްރު އެއްޗެއްކަން ކަށަވަރުކުރުމަށް ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ލާޒިމްކުރާކަމަށެވެ. ހަބީބު ވިދާޅުވީ އެކި ކުލަކުލައިގެ ގަލަމުން އިންތިޚާބުގައި ފާހަގަ ޖެހުމަށް ބައެއް ފަރާތްތަކުން ރާވަމުން އަންނަކަމުގެ ޝަކުވާ ބައެއް ޕާޓީތަކުން ހުށައަޅަފައިވާކަމަށެވެ. ޤާނޫނުގައިވެސް ބަޔާންކުރަނީ ވޯޓުލާއިރު ފާހަގަ ޖެހުމަށް ބޭނުންކުރެވޭނީ އާދައިގެ ގަލަމެއްކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ނޫން ގޮތަކަށް ވޯޓު ކަރުދާހުގައި ފާހަގަ ޖަހާއިފިނަމަ، ވޯޓު ކަރުދާސް ބާޠިލު ވާނެކަމަށެވެ.

ވޯޓުލާން ގެންނަ ގަލަން އޮފިޝަލުން ޗެކް ކުރާނެ. އެއީ ކަޅު ނުވަތަ ނޫކުލައިގެ ގަލަމެއްވެއްޖާ އެ ގަލަމެއް ވޯތުލާ މަރުކަޒަށް ނުވެއްދޭނެ. އާދައިގެ ގަލަމެއް އެންމެނަށްވެސް އެނގޭ. އެންމެނަށްވެސް އާންމުކޮށް ބޭނުންކުރާ. ވޯތުލާ ބޫތުގައިވެސް ގަލަމެއް އޮންނާނެ. އެންމެ ރަނގަޅު ގޮތަކީ ބޫތުގައި އޮތް ގަލަން ބޭނުންކުރުން.

– ހަބީބު ވިދާޅުވިއެވެ.

ވޯޓުލާ މަރުކަޒުތަކުގައި ވޯޓިންގ ބޫތު ބެހެއްޓޭނެ ގޮތާއި ގުޅޭގޮތުން ޙަބީބް ވިދާޅުވީ، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ޚިލާފަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓިންގ ބޫތުތައް ބަހައްޓާފައި ހުންނާނީ އޮފިޝަލުންނާއި، އޮބްޒަރވަރުންނާއި އަދި މޮނިޓާރުންނަށް، ވޯޓު ލާ މީހާގެ ފަހަތުން ފެންނަ ގޮތަށް ކަމަށެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓިން ބޫތުތައް ބަހައްޓާފައިވަނީ އޮފިޝަލުންނާއި، އޮބްޒަރވަރުންނަށް ވޯޓުލާ މީހާ ކުރިމަތިން ފެންނަ ގޮތަށެވެ. އެހެންނަމަވެސް، މިގޮތް ބަދަލުކޮށް، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އޮފިޝަލުންނަށް ވޯޓުލާ މީހާ ފަހަތުން ފަރާތް ފެންނަ ގޮތަށް ބަދަލު ކުރީ، ޤާއުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރުމަށްފަހު، އިންތިޚާބުގެ ސިއްރުކަން ހިފެހެއްޓޭނެ އެންމެ ރަނގަޅު ގޮތަކީ، އެއީކަމަށް ކޮމިޝަނަށް ފެންނާތީކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.