ރާސްތާ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެވަނަ މީހަކު ނިޔާވެއްޖެ

ރާސްތާ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެވަނަ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
07 ޑިސެމްބަރ 2020 11:03
0

ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެވަނަ މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އެ އަލިފާނުގެ ހާދިސާގައި ފިހުނު ޢުމުރުން33 އަހަރުގެ މީހެއްކަމަށާއި، އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނު08:45 ހާއިރު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. މިހާދިސާގައި ފިހުނު މީހަކު މީގެ ކުރިންވެސް ނިޔާވެފައިވެއެވެ.

ގޭސް ފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި ގދ.ތިނަދޫ "ރާސްތާ" ދޯނީގެ 4 ފަޅުވެރިއަކު ފިހުނެވެ. މިހާދިސާ ހިގާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިޙާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާގެ ހަށިގަނޑުގެ %50 ފިހިފައިވާކަމަށް މަޢޫލޫމާތު ލިބިފައިވެއެވެ. އެ ޙާދިސާގައި ފުރަތަމަ މީހަކު ނިޔާވެފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

މިޙާދިސާގައި ފިހުނު އެންމެނަށް ފަރުވާދީފައިވަނީ ގދ.ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ. ނަމަވެސް އެންމެ ބޮޑަށް ފިހުނު މީހުން ޙާލު ސީރިއަސްވެގެން މާލެ ގެނެސް ފަރުވާދެމުން އައިސްފައިވަނީ އައިޖީއެމްއެޗްގައެވެ. ރާސްތާ ދޯނީގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގޭސްލީކުވެފައި ވަނިކޮށް އުދުން ރޯކުރަން އުޅުމުންކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. މިޙާދިސާ ހިނގާފައިވަނީ އެދޯނި މަހަށް ފުރަން ތައްޔާރުވެފައިވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.