2024ގަ އިންޑިއާގައި އޮންނަ އާންމު އިންތިޚާބުގައި، މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ބަލިކުރުމަށް، އިންޑިއާގެ 28 އިނދިކޮޅު ޕާޓީއަކުން ގުޅިފައިވާ އިއްތިހާދެއް އެކުލަވާލުމަށް އެއްބަސް ވެއްޖެއެވެ.
މޯޑީގެ ހިންދޫ ވަޡަނީ ޕާޓީ، ބަހާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް ތިންވަނަ ދައުރެއް ކާމިޔާބު ވިޔަ ނުދިނުމަށްޓަކާ، 28 ޕާޓީއެއް އެކުވެގެން އުފައްދާ އިއްތިހާދަށް ދީފައިވާ ނަމަކީ "ދަ އިންޑިއަން ނޭޝަނަލް ޑިވެލޮޕްމަންޓް އެލަޔަންސް" (އިންޑިއާ) އެވެ.
މިހަފްތާގެ ހުކުރު ދުވަހު "އިންޑިއާ" އިންތިހާދުން އިއުލާން ކޮށްފައިވާ ގޮތުގައި އެއިއްތިހާދުގައި ހިމެނޭ ޕާޓީތަކުން އެއްބަސްވެފައިވަނީ، ވޯޓު ބައިބައިވެގެން ދިޔަ ނުދިނުމަށްޓަކާ ގާނޫނޫހަދާ މަޖިލިހުގެ ގޮޑިތައް ބަހާލައިގެން ޕާޓީތަކުން އިންތިޚާބުގައި ވާދަކު ކުރުމަށެވެ.
އިންޑިއާގައި އޮންނަނީ ބަރުލަމާނީ ނިޒާމަކަށް ވުމާއެކު، ބޮޑުވަޒީރަކަށް ވަޑައިގަންނަވާނީ ގާނޫނުހަދާ މަޖިހުގަައި އަޢުލަބިއްޔަތު ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުން ނުވަތަ އިއްތިހާދަކުންނެވެ.
"އަހަރެމެން، 'އިންޑިއާ' ޕާޓީތަކުން އެއްބަސްވެފައިވަނީ ލޮކްޝަބާ އިންތިޚާބުގައި، ވެވުނު އެންމެ މަތީ ދަރަޖައަކަށް، ހުރި ޚިޔާލު ތަފާތުވުންތައް ނައްތާލުމަށްފަހު ވާދަ ކުރުމަށް،" ގުޅިފައިވާ އިންތިހާދުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އިންޑިއާގެ ގާނޫނުހަދާ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މޭމަހުއެވެ.
އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު މޯޑީއާއި ދެކޮޅަށް އުފައްދާފައިވާ އިންތިހާދުން މޯޑީއާއި ބޭނުންކުރާނެ އެންމެ ބޮޑު ހަތިޔާރަކީ ބަލިކަށިވެފައިވާ އިންޑިއާގެ އިގްތިސާދައި، ވަޒީފާ ނެތް މީހުންގެ އަދަދު އިންޑިއާގައި އިތުރުވަމުންދާ ދިއުމެވެ. އަދި މުސްލިމުންނާއި ދެކޮޅަށް މޯޑީގެ ވެރިކަމުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށްވެސް މި އިއްތިހާދުން ވަކާލާތު ކުރާނެކަމަށްވެސް ބުނެފައި ވެއެވެ.