އެމްޑީޕީއަށް ބަދަލެއް ނާދޭ، ދުރުވީ ވަންހަނާވެފައިވާ ފިކުރު: އަސްލަމް

އެމްޑީޕީއަށް ބަދަލެއް ނާދޭ، ދުރުވީ ވަންހަނާވެފައިވާ ފިކުރު: އަސްލަމް

Author
އައިޝަތު އަޙްމަދު
01 ސެޕްޓެމްބަރ 2023 10:59
0

އެމްޑީޕީ ފިކުރަށް ބަދަލު ނާންނަކަމަށާއި، ދުރުވީ ވަންހަނާވެފައިވާ ފިކުރުކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން ވިދާލުވީ ކާނިވާ ސަރަހއްދުގައި ކުރިއަށްދާ "އުފާވެރި މާލެ"  ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީ އައީ ރާއްޖެ ބަދަލުކޮށްލަންކަމަށާއި، މިހާތަނަށްވެސް ކުރީ އެ މަސައްކަތްކަމަށެވެ. އެއީ ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރުކޯށްދީ ދަތުރުފަތުރުން މުޅި ރާއްޖެ ގުޅާލަންކަމަށާއި، އެމްޑީޕީން އަދިވެސް ކުރަމުން އަންނަނީ އެފަދަ ކަންކަންކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ، މުޅި ރާއްޖޭގެ ހަމަޖެހުން އޮތީ ރައީސް ޞާލިޙާއެކުކަމަށާއި، ރަށްރަށަށް ވަޑައިގަތުމުންވެސް ފެންނަނީ ޤައުމަށްޓަކައި މިސަރުކާރުން ކޮށްދީފައިވާ ބިޔަ ބޮޑެތި މަސައްކަތްތައްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ފެނިވަޑައިގަންނަވަނީ އެމްޑީޕީގެ އުސޫލުތައް ނަގަހައްޓަން ރައީސް ކުރައްވާ މަސައްކަތްޕުޅުކަމަށެވެ.

ކާށިދޫ ނައީމްބޭ ބުނަނީ މިއީ ހަމައަށް ފުރި ފޯދިފައިވާ ބިޔަ ކެޔޮ ގަހެކޭ. ގަހުގައި ހުރި އެންމެ ކެޔޮ ވަކެއްގެ ފުލުން ބަދަލެއްނާންނޭކަމަށް.

– އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފެނިވަޑައިގަންނަވަނީ އެމްޑީޕީ މުޅިން ފުޅާވަމުން އަންނަތަންކަމަށާއި، ތަރައްޤީއަށް އެތައް މަޝްރޫޢުއެއް ހިންގައި ދުވަހަކުވެސް ނުދެކޭ ބޮޑު ބަދަލު ރާއްޖެއަށް ރައީސް ގެނެސްދެއްވާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. ރާއްޖެއަށް ގެނައި ބަދަލު ރައްޔިތުން ޤަބޫލުކުރާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ކުރީ ސަރުކާރުން ތިމާވެށީގެ ބޯޑު އެޅުވިނަމަވެސް މިސަރުކާރުން ތިމާވެށީގެ ރައްކަލަށް ގިނަ ކަންކަން ކުރައްވާފައިވާކަމަށެވެ. އެތައް ރަށެއްގައި ކުނި މެނޭޖުކުރަން ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ، މުޅި ރާއްޖެއިން ކުނި ނައްތާލުމަށް ކުރައްވާ އެތައް މަޝްރޫޢުއެއް ފެނިވަޑައިގަންނަވާކަަމށެވެ.

އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުން އަތޮޅުތެރޭގެ ރައްޔިތުންނަށްޓަކައި ބޮޑު ގުރުބާނީއެއް ވެފައިވާކަަމަށާއި، މާލެއިން ރައްޔިތުންނަށް ޖާގަ ދެއްވީ ވަރަށް ދަތީގައިކަމަށެވެ. ފުރި ތޮއްޖެހިފައިވާ މާލެއަށް ހައްލެއް ގެނައުމަށް ރައީސް ކުރެއްވި އެންމެ މުހިންމު ކަމަކީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެއީ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއްކަަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުން ކުރިހާކަމަކަށްވެސް ފެންނަނީ ބްރިޖު މަސައްކަތް އެކަނިކަމަށެވެ. އެތައް ހާސް ޑޮލަރެއްގެ އަގުބޮޑުކޮށް އަޅަފައިވާ ބްރިޖާއެކު ފެންނަނީ ބައެއްގެ ގެތައް ބުރިބުރިއަށް މައްޗަށް އަރާތަންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިސަރުކާރުން ކޮރަޕްޝަން ހިންގިނަމަ މިވަރަށް ތަރައްޤީ ނުކުރެވުނީސްކަމަށާއި، ރައީސް ޞާލިޙަކީ ލޯ ލާރިއެއްގައިވެސް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.