އެންމެ ހިކުމަތްތެރި އެންމެ އޯގާތެރި، އަދި އިޤްތިޞާދު ކޮޅަށް ޖެހޭނެ ހަމައެކަނި ބޭފުޅަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ދައުރަށް އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަންގެ ބައިވެރިޔާ ސިޔާމް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ބޮޑު ޖަލްސާ "އުފާވެރު މާލެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވަނީ ކޯވިޑްގެ ދަތިކަމުން ރާއްޖެ އަރައިގަތުމަށް ރައީސް ޞާލިޙް ގެންގުޅުއްވި ސިޔާސަތުތަކަށް ތަޢުރީފް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ސިޔާމް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ރާއްޖޭގެ ސިޔާސަތު އޮޅުންފިލުވަން ބޭނުންވިކަމަށެވެ. ސިޔާމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުނީ ރައީސްގެ ހިކުމަތްތެރިކަމުންކަމަށާއި، އެކަމާ ދެބަސްވާނެ މީހަކު ނުހުންނާނެކަމަށެވެ. މި އިޤްތިޞާދު މިހިސާބަށް އައިސް އިޤްތިޞާދު ޑަބަލް ނުވަތަ ޓްރިޕަލްވާނެ ގޮތެއް ހަމައެކަނި އެނގިވަޑައިގަންނަވަނީ ރައީސް ޞާލިޙްކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.
އިޤްތިޞާދު ކޮޅަށް ޖަހަން އަޅުގަނޑުމެން ދަނޭ. އަޅުގަނޑުމެންނަކީ އެކަން ތަޖުރިބާކޮށް، ދުނިޔޭގެ އެންމެމަތީ ފެންވަރުގައި ވިޔަފާރިކުރާ ބައެއް. އިޤްތިޞާދު ޑަބަލްކޮށް އަދި ޓްރިޕަލް ކުރެވޭނީ ހަމައެކަނި ރައީސްއަށް
– އަޙްމަދު ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ އިޤްތިޞާދު ކުރިއެރުވޭނީ ތިންކަމެއް ޤައުމެއްގައި ހުރެގެންކަމަށެވެ. އެއްކަމަކީ ބޮޑު ބިމެކެވެ. އެއީ ރާއްޖޭގައި ނެތްކަމެއްކަމަށާއި، ދެވަނަ ކަމަކީ ބޮޑު އާބާދީއެއްކަމަށެވެ. އެކަންވެސް ރާއްޖޭގައި ނެތްކަން ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ ތިންވަނަކަމަކީ އިންސާނީ ވަސީލަތް ތަރައްޤީކުރުންކަމަށެވެ. އެކަމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ތަޢުރީފްކުރައްވާ ސިޔާމް ވިދާޅުވީ ޒުވާނުން ބިނާކޮށް، ހިލޭ ޑިގްރީގެ ފުރުޞަތަކީ މުސަތަޤްބަލަށް ކުރެއްވި މުހިންމު ކަމެއްކަމަށެވެ. އެކަމުގެ ސަބަބުން އިންޖީނަރުންނާއި ސައިންޓިސްޓުން އުފެދޭނެކަމަށް ސިޔާމް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައީސް ބޭނުންފުޅުވަނީ އެންމެ ކަމެއްކަމަށާއި، އެއީ އޯގާތެރިކަމާ ކުލުނާއެކު ރައްޔިތުން މުއްސަނދިކޮށްދިނުންކަމަށެވެ. ޤައުމެއްގެ އްެންމެ ބޮޑު މުސީބާތަކީ ފަގީރުކަންކަމަށާއި، ރާއްޖެއިން ފަގީރުކަން ނައްތާލެވޭނީ ރައީސް ޞާލިޙަށްކަމަށް ސިޔާމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ