އެ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފް ގަރާރެއް ކަމަށް ބުނެ ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހެޅި އެވެ. އެ ގަރާރުގެ އިތުރުން 1968 ވަނަ އަހަރު ހަދާފައިވާ އާންމު ގާނޫނުތަކުގެ ދަށުން އަމާން ކަމަށް ގެއްލުން ލިބޭ ވާހަކަތައް ދެއްކުން މަނާކޮށްފައި އޮންނަ މާއްދާ ބާތިލްކުރަން އެ މައްސަލާގައި އެދުނެވެ.
ރައީސްގެ ގަރާރާ ބެހޭގޮތުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގާނޫނު އޮތްގޮތުން ދުސްތޫރީ މައްސަލައަކަށް ވާނީ ގާނޫނުތަކާއި ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ގުޅޭ މައްސަލަތައް ކަމަށެވެ. ނަމަވެސް ރައީސްގެ ގަރާރަކީ ގާނޫނުއަސާސީގެ ދަށުން ނެރުއްވި ގަރާރެއް ކަމަށް ވިޔަސް، އެއީ ގާނޫނެއް ނުވަތަ ގާނޫނީ ބާރު ލިބޭ ގަވާއިދެއްގެ ދަރަޖަ އޮތް އެއްޗެއް ނޫން ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އެ ގަރާރުގެ މައްސަލައަކީ ދުސްތޫރީ މައްސަލައިގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ރައީސްގެ ގަރާރުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ނުބެލެވޭތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
އާންމު ގާނޫނުތަކުގެ އެ މާއްދާ ބާތިލްކުރުމާ ބެހޭގޮތުން ހައި ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އެ މާއްދާ ގޯސް ކަމަށް ދައުލަތުން ވެސް އެއްބަސްވެފައިވާތީ އެ މާއްދާ ބާތިލްކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މާއްދާ އިސްލާހުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، ހުކުމުގައިވަނީ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 15 އަހަރު ވެފައިވާތީ އެ ގާނޫނު އިސްލާހުކުރަން އިތުރު ފުރުސަތެއް ދައުލަތަކަށް ދޭން ނުޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
އާންމު ގާނޫނުތަކުގެ މާއްދާ ބާތިލްކުރުމާ މެދު ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ފަނޑިޔާރު ނިޔާޒްގެ ރައުޔަކީ އެ މާއްދާ ބާތިލްކުރަން ނުޖެހޭނެ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ނިޔާޒް ވިދާޅުވީ އަމާން ކަމަށް ގެއްލުން ލިބޭ ވާހަކަ ދެއްކުން ގާނޫނަކުން މަނާ ކޮށްފައި އޮތްއޮތުމަކީ އޭގެ ޒާތުގައި އެއީ ގޯހެއް ކަމަށް ބަލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެއީ ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ވެސް މަނާ ކޮށްފައި އޮންނަ ކަމެއް ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ އަމާންކަމަށް ގެއްލުން ލިބޭ ވާހަކަތަކަކީ ކޮބައިކަން ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.