މާލޭގެ އާބާދީގެ 38 ހާހެއްހާ މީހުންނަށް މިހާތަނަށް ކޯވިޑް-19 ޖެހިފައިވާކަމަށް ޤައުމީ ޔުނިވާސިޓީން ކުރިއަށްގންދިޔަ ދިރާސާއިން ދައްކައިފިއެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ދެނެގަތުމަށް ޤައުމީ ޔުނިވާސިޓީން ކުރިއަށްގެންދިޔަ ސީރޯ ޕްރިވަލެންސް ސަރވޭގެ ނަތީޖާ ހާމަކުރައްވަމުން އެޔުނިވާސިޓީގެ ޑިރެކްޓަރ އޮފް ރިސާޗް ޑރ.ރަޙީމާ އަބްދުލްރަޙީމް ވިދާޅުވީ، ރާއްޖޭގައި ކޯވިޑާއި ދެކޮޅަށް މަސައްކަތްކުރާ ނިޒާމް ނުވަތަ އެންޓިބޮޑީ ހުރީ %13.4 މީހުންގެކަމަށެވެ. އޭގެ މާނައަކީ މާލޭގެ އާބާދީގައި ދެލައްކަ އަށްހާސް މީހުންކަމަށްވާނަމަ، ކޯވިޑް-19އަށް ހުށައެޅިފައިވަނީ 38 ހާސް މީހުންނަށްކަމަށް ޑރ.ރަޙީމާ ވިދާޅުވިއެވެ.
87% މީހުން އަދިވެސް ކޮވިޑަށް ހުށައެޅިފައިވާކަމަށް ދައްކާފައެއް ނުވޭ. އެހެންވީމަ އެންޓި ބޮޑީސް ނެތްކަމަށް މިދައްކަނީ %78 މީހުން. މީގެ މާނައަކީ އަދިވެސް އަޅުގަނޑުމެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހެއޭ. މާސްކު އެޅުމާ އަތްދޮވުމާ އަދި ގައިދުރުކަން ބެހެއްޓުން.
-ޤައުމީ ޔުނިވާސިޓީގެ ޑިރެކްޓަރ އޮފް ރިސާޗް ޑރ.ރަޙީމާ އަބްދުލްރަޙީމް

ދިވެހިންނާއި ބިދޭސީންގެ ގައިގައި އެންޓިބޮޑީސް ހުރި މިންވަރަށް ބަލާއިރު، އެންޓި ބޮޑީސް ހުރިކަަމަށް ދައްކަނީ ބޭރު މީހުންގެ %36.4 މީހުންގެއެވެ. އަދި ދިވެހިންގެ ތެރެއިން އެންޓި ބޮޑީސް ހުރީ %8.5 މީހުންގެއެވެ.
ބޭރު މީހުންނަށް ބަލާއިރު ކޮންމެ 3 މީހުންގެ ތެރެއިން އެއް މީހަކު ވަނީ ކޮވިޑަށް ހުށައެޅިފައި. ރާއްޖެ މީހުންވިއްޔާ ގާތްގަނޑަކަށް 11 މީހުންގެ ތެރެއިން އެކަކު މިވަނީ ކޮވިޑަށް ހުށައެޅުިފައި. އެހެންވީމަ ދަންނަވާލަން އޮތީ ރާއްޖެ މީހުން އަދި އިތުރަށް މާބޮޑަށް ބަލައިގެންނޭ އުޅޭންޖެހޭނީ. މިހާރުވެސް ހުރިހާ ބޭފުޅުންވެސް މާސްކު އަޅުއްވައިގެން ޤަވާއިދުތަކާއި އެއްގޮތަށް އުޅުއްވާކަން.
-ޤައުމީ ޔުނިވާސިޓީގެ ޑިރެކްޓަރ އޮފް ރިސާޗް ޑރ.ރަޙީމާ އަބްދުލްރަޙީމް

މީގެ އިތުރުން ކުރިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން %57.9 މީހުންގެ އެންޓިބޮޑީސް ހުރިކަމަށް ދައްކާއިރު، %42.1 މީހުންގެ އެންޓިބޮޑީ ހުންނަޖެހޭ މިންވަރަށް ނުހުންނަކަމަށްވެސް އެދިރާސާއިން ދައްކައެވެ. އޭގެ މާނައަކީ ކުރިން ޕޮޒިޓިވްވިކަން ނޭގޭ މީހުންގެ ތެރެއިން 10 މީހުން އެންޓިބޮޑީސް ހުރިކަމަށް އެބަދައްކާކަމަށް ޑރ.ރަހީމާ ވިދާޅުވިއެވެ.

ޑރ.ރަހީމާ ވިދާޅުވީ، ކުރިން ޕޮޒިޓުވްވެ، ބަލިން ރަނގަޅުވެ ގިނަ ދުވަސްވާވަރަކަށް ހަށިގަނޑުން އެންޓި ބޮޑީސް މަދުވަމުންދާކަމަށް ދައްކާކަމަށެވެ. އެގޮތުން 6 މަހާއި ހަމައަށްދާއިރު އެންޓި ބޮޑީސް ވަރަށް ބޮޑަށް ދަށްވެގެންދާކަމަށްވެސް ޑރ.ރަހީމާ ވިދާޅުވިއެވެ.

ސީރޯ ޕްރިވެލަންސް ސަރވޭއަކީ، ރާއްޖޭގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ގްރޭޓަރ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން މި ބައްޔަށް ހުށައެޅިފައި ވަނީ އާބާދީގެ ކިތައް އިންސައްތަ މީހުންތޯ ދެނެގަނެ، ކޯވިޑް-19 އިތުރަށް ފެތުރިގެންދާ ބާރުމިނާއި، ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދިޔަ ސަރވޭއެކެވެ.
ކޮމެންޓު ފޮނުވާ